ވިސްލްބްލޯ ގާނޫނުގެ ސަބަބުން އިންގިލާބީ ބަދަލެއް އަންނާނެ: ސަރުކާރު

އޭސީސީގެ މެންބަރުން ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ސަބަބުން އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅޭ ބިލްތަކުގެ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ރައީސް އޮފީހުން ސިލްސިލާ ގޮތެއްގައި ގެނެސްދިނުމަށް ނިންމާފައިވާ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހްމަދު އަބްދުﷲ އަފީފް ސަރުކާރުން ބޭނުން ވަނީ ތަހުޒީބު މުޖުތަމައުއެއްގެ ތެރޭގައި ހުންނަ ކަންކަން ރާއްޖޭގެ މުޖުތަމައުގެ ތެރެއަށް ގެނައުމަށް ކަމަށެވެ.

ތަހުޒީބު މުޖުތަމައުގެ ގޮތުގައި ބަލާ މިންގަނޑުތަކެއް ހުރޭ، އެކަން ބަލާނީ އެ އެ މުޖުތަމައުގެ ފަރުދުންނަށް ލިބިދީފައި އޮންނަ ހައްގުތައް ކަށަވަރު ކޮށްދީފައި އޮންނަނީ ކިހާ މިންވަރަކަށްތޯއާ އަދުލު އިންސާފުގެ ނިޒާމު ބިނާވެފައި އޮންނަނީ ކިހިނެއްތޯއާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި އެތަނެއްގައި އެކަށައެޅިފައިވާ ނިޒާމުގެ ހަރުދަނާ ކަމަކީ ކޮބައިތޯއާ މިފަދަ ކަންކަމުގެ މައްޗަށް. ސަރުކާރުން ބޭނުން ވަނީ މިފަދަ މުޖުތަމައު އަށް ރާއްޖޭގެ މުޖުތަމައު ހެދުން" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ އެ ގާނޫނުގެ ސަބަބުން ކޮރަޕްޝަން ރިޕޯޓު ކުރާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް މުއައްސަސާއެއްގައި ކޮރަޕްޝަންގެ އަމަލެއް ހިނގާކަން ނުވަތަ ހިނގަން އުޅޭކަން އެމީހަކަށް ވިސްނިއްޖެ ނަމަ އެކަން އެމީހެއްގެ އަތުގައި އޮންނަ މޯބައިލް ފޯނުން ކޮށްލާ ކުރު މެސެޖަކުން ވެސް ރިޕޯޓު ކުރެވިދާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަން ރިޕޯޓު ކޮށްގެން އެމީހަކަށް ލިބޭނެ އެއްވެސް ގެއްލުމެއް ނުވަތަ ވަޒީފާ އަށް ލިބޭނެ ގެއްލުމެއްވެސް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 8ވަނަ ދުވަހުއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 17ވަނަ ދުވަހުއެވެ.

އެ ގާނޫނުގެ މަގްސަދަކީ ނޭދެވޭ ޢަމަލެއްގެ މަޢުލޫމާތު ހުށަހަޅައި، ވިސްލްބްލޯކުރާނެ ނިޒާމެއް އެކަށައަޅައި، ވިސްލްބްލޯކުރުމަށް ހިތްވަރު ދިނުމާއި ވިސްލްބްލޯކުރުމުން ލިބޭ މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި ވިސްލްބްލޯކުރާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ ނޭދެވޭ ޢަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށްފެންނަ، ނަޒާހަތްތެރި ޘަޤާފަތެއް ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ކިބައިގައި އަށަގެންނެވުމެވެ.

 

Leave a Reply

Your email address will not be published. Required fields are marked *