ކާގޯ ފެރީއާއެކު އިންޑިއާއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިވާނެ: ރައީސް

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަޤަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާ ދެމެދު ކާގޯ ފެރީ އާއެކު ރާއްޖެއާ އިންޑިއާ އާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކާގޯ ފެރީގެ ފުރަތަމަ ދަތުރާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާގޯ ފެރީގެ ދަތުރުތަކާއެކު ރާއްޖެެ-އިންޑިއާގެ އެކުވެރިކަން އިތުރަށް ބަދަހިވެ ގައުމަށް އިތުރު ކުރިއެރުން އަންނާނެ ކަމަށެވެ. ރައީސްގެ ޓްވީޓުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.

އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން އޮޕަރޭޓްކުރާ ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރީ ފަސް ދުވަހުގެ ދިގު ދަތުރަކަށްފަހުއެވެ. މިދިޔަ ހޯމަ ދުވަހު ކޮޗިން އިން ފުރި ފެރީ ކުޅުދުއްފުށްޓަށް ބަނދަރު ކުރެވުނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ.

ކާގޯ ބޯޓުގެ ފުރަތަމަ ދަތުރުގައި ގިނައިން ހިމެނެނީ ސިމެންތިއެވެ. ނަމަވެސް ކާބޯ ތަކެތިވެސް ހިމެނެއެވެ. އެތަކެތި ކުޅުދުއްފުއްޓަށް ބާލާނީ، އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގެ އުޅަނދުތައް ބޯޓު ކައިރިއަށް ގޮސްގެންނެވެ.

ކުޅުދުއްފުށީ ޕޯޓަށް ކައިރިކުރެވެނީ އެންމެ ބޮޑުވެގެން ވެސް 1000 ޓަނުގެ ބޯޓަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ކާގޯ ހިދުމަތުގައި މިވަގުތު ބޭނުންކުރަނީ 3000 ޓަނުގެ ބޯޓެކެވެ.

Leave a Reply

Your email address will not be published. Required fields are marked *