ކާގޯ ފެރީއަކީ އުތުރަށް އަންނަ ތަރައްގީގެ އާ ފެށުމެއް: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް އޮންލައިން

އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުއްޓާ ދެމެދު ކާގޯ ފެރީ ފެށުމަކީ އުތުރަށް އަންނަ ތަރައްގީގެ އާ ފެށުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން ހދ.ކުޅުދުއްފުއްޓަށް ދިޔަ ފުރަތަމަ ކާގޯ ފެރީއަށް މަރުޙަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މިފަދައިން ހުޅުވާލެވޭ ކޮންމެ ދޮރަކީ އިގްތިސާދަށް އަންނަ ދިރުމެއް ކަމަށެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ކާގޯ ފެރީގެ ސަބަބުން މާލެއަށް ބަރޯސާވެ ތަރައްގީގެ ކަންކަން ކުރަމުން އައި އައުން ނިމުމަކަށް ގެނައުމުގެ ފެށުން ކަމަށެވެ.

"މިއަދު މި ފެށި ފެރީ ސާވިސްގެ ސަބަބުން އަޅުގަނޑުމެންނަށް ފަހި ވެގެންދާ އެންމެ ބޮޑު އެއް ކަމަކީ، މާލެއަށް ބަރޯސާވެ، ތަރައްގީގެއް ކަންކަން ކުރުމުން މިއައި އައުން ނިމުމަކަށް ގެނައުމުގެ ގެނައުމުގެ ފެށުން،" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އިންޑިއާގެ ކޮޗިން އާއި ކުޅުދުއްފުށި ސިޓީ އާއި ދެމެދު ފެށި ކާގޯ ފެރީގެ ހިދުމަތާއި އެކު ޝިޕިން އެޖެންސީތަކުގެ ޗާޓަށް ކުޅުދުއްފުށީ ސިޓީ އަރާނެ ކަމަށެވެ. އަދި އެ ދަތުރުތަކުގެ ސަބަބުން އަގުހެޔޮކޮށް ރައްޔިތުންނަށް މުދާ ލިބިގެން ދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން އޮޕަރޭޓްކުރާ ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރީ ފަސް ދުވަހުގެ ދިގު ދަތުރަކަށްފަހުއެވެ. މިދިޔަ ހޯމަ ދުވަހު ކޮޗިން އިން ފުރި ފެރީ ކުޅުދުއްފުށްޓަށް ބަނދަރު ކުރެވުނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ.

ކާގޯ ބޯޓުގެ ފުރަތަމަ ދަތުރުގައި ގިނައިން ހިމެނެނީ ސިމެންތިއެވެ. ނަމަވެސް ކާބޯ ތަކެތިވެސް ހިމެނެއެވެ. އެތަކެތި ކުޅުދުއްފުއްޓަށް ބާލާނީ، އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގެ އުޅަނދުތައް ބޯޓު ކައިރިއަށް ގޮސްގެންނެވެ.

ކުޅުދުއްފުށީ ޕޯޓަށް ކައިރިކުރެވެނީ އެންމެ ބޮޑުވެގެން ވެސް 1000 ޓަނުގެ ބޯޓަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ކާގޯ ހިދުމަތުގައި މިވަގުތު ބޭނުންކުރަނީ 3000 ޓަނުގެ ބޯޓެކެވެ.

Leave a Reply

Your email address will not be published. Required fields are marked *