ރާއްޖޭގައި ސިޔާސީ ޕާޓީތަކުގައި ނޫޅޭ 129,722 މީހުން!

އެމްޑީޕީގެ ހަރަކާތެއްގެ ތެރެއިން: ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން 10 ސިޔާސީ ޕާޓީއެއް ހިންގާއިރު 129,722 މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނޫޅޭ މީހުން -- ފޮޓޯ / އަވަސް

ރާއްޖޭގައި ސިޔާސީ ޕާޓީތަކުގައި ނޫޅޭ އެއްލައްކައަށް ވުރެ ގިނަ މީހުން ތިބިކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރޭ އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު އެ ކޮމިޝަނުން ޕްރޮސެސް ކޮށްފައިވާ ފޯމުތަކާއިއެކު ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް ހާމަކޮށްފައެވެ. އެ އަދަދުތަކަށް ބަލާއިރު ރާއްޖޭގައި ސިޔާސީ ޕާޓީތަކުގައި ހިމެނޭ ޖުމްލަ މީހުންގެ އަދަދަކީ 134,720 އެވެ.

ރާއްޖޭގެ އާބާދީގެ 264,442 މީހުންނަކީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނެވެ. އެހެންކަމުން 129,722 މީހުންނަކީ އަދިވެސް އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިފައި ނުވާ މީހުންނެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރަން ފަށާފައި ވަނީ 2005ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭރުވެސް ރާއްޖޭގައި "ނަގާ" ކިޔާ އުޅުނީ މައިގަނޑު ގޮތެއްގައި ސިޔާސީ ދެ ޕާޓީއެކެވެ. އެއީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން މިހާރުވެސް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށް ދައްކާ އަދި މިހާރު ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއެވެ. އިލެކްޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި އެޕާޓީގައި  52،952 މެންބަރުން އެބަ ތިއްބެވެ.

އޭރު ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު އެޕާޓީ ބައިބައިވެ އުފެދިގެން ދިޔައީ ޕީޕީއެމްއެވެ. ޕީޕީއެމް ވެސް އުފެދިގެން އައީ ޑީއާރްޕީގެ އޭރުގެ ޒައީމު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވާއެވެ. ނަމަވެސް މިހާރު ޕީޕީއެމް އިންވެސް އެމަނިކުފާނު ވަނީ ބޭރުކޮށްފައެވެ. ނަމަވެސް އަދިވެސް ރާއްޖޭގެ އެންމެ މީހުން ގިނަ ސިޔާސީ ޕާޓީގެ ލިސްޓުން ޕީޕީއެމް ދެވަނަ ހޯދައެވެ. އެޕާޓީގައި 37،144 މެންބަރުން އެބަ ތިއްބެވެ.

ދެހާސް އަށްވަނަ އަހަރުން ފެށިގެން ރާއްޖޭގައި މިހާތަނަށް ބޭއްވި އެއްވެސް ރިޔާސީ އިންތިހާބެއް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ނުލާ އިންތިހާބުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ. ޖޭޕީ އަކީ ރާއްޖޭގައި ތިންވަނަ އަށް އެންމެ މީހުން ނުވަތަ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އެ ޕާޓީގައި 13،852 މެންބަރުން އެބަ ތިއްބެވެ.

1 thought on “ރާއްޖޭގައި ސިޔާސީ ޕާޓީތަކުގައި ނޫޅޭ 129,722 މީހުން!

Leave a Reply

Your email address will not be published. Required fields are marked *