އައްޑޫގެ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު ގެނެސްފި

އައްޑޫ ސިޓީގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު ގެނެސްފައި --

އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ތަކެތި ގެނެސްފިއެވެ.

އައްޑޫ ސިޓީގައި 18 މަގެއް ޒަމާނީ ފެންވަރަކަށް ތާރު އަޅައިގެން ތަރައްގީ ކުރެވިގެން ދާނެއެވެ. އެ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި އިއްޔެ އައްޑޫ ސިޓީ އަށް ވަނީ ގެންގޮސްފައެވެ.

މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގުގެ އިތުރުން ފޭދޫ ރަށްދެބައި މަގު ރީ-ސާފޭސް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢު ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އެ މަޝްރޫއު އަށް 134 މިލިއަން ރުފިޔާ ހަރަދުވާއިރު އެ މަޝްރޫއުގެ ސަބަބުން އައްޑޫގެ މަގުތަކުގެ ހާލަތު ގޯސްވުމުގެ ސަބަބުން ކުރިމަތިވަމުން ދިޔަ ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން އައްޑޫގެ މަގު ހެދުމުގެ ދެވަނަ މަޝްރޫޢެއްވެސް އެކު އެކީގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.

އެގޮތުން 12 ޑިސެންބަރު 2019 ގައި އައްޑޫގެ 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ، އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ލިމިޓެޑާއި، އެލް އީއޭ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މައުލޫމާތު ދީފައިވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މި މަޝްރޫޢުގެ ތެރޭގައި ހިތަދޫ އަވަށުން 90 ހެކްޓަރުގެ ބިމަކާއި މަރަދޫ އަދި މަރަދޫފޭދޫ އިން 75 ހެކްޓަރު އަދި ހުޅުދޫ އާއި މީދޫން 38 ހެކްޓަރުގެ އިތުރުން 25 ހެކްޓަރުގެ ބިން ރިސޯޓް ތަރައްޤީ ކުރުމަށް ހިއްކުމަށް ހަމަޖެހިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *