އެމްޑީޕީއަށް މެމްބަރުން އިތުރެއް ނުވޭ، ޕީޕީއެމާއި ޖޭޕީގެ މެމްބާޝިޕް މައްޗަށް

ޕީޕީއެމް އިން މީގެކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން ---

އިދިކޮޅު ޕީޕީއެމް އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބާޝިޕް މައްޗަށް ޖެހިފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް މިރޭ ވަނީ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މެމްބާޝިޕް ފޯމުތައް ޕްރޮސެސް ކުރުމަށްފަހު ސިޔާސީ ޕާޓީތަކުގެ އެންމެ ފަހުގެ ދަފްތަރު ހިއްސާ ކުރައްވާފައެވެ. އޭގެއިން ދައްކާ ގޮތުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް މެންބަރުން އިތުރުވެފައެއް ނުވެއެވެ. އެހެންނަމަވެސް ސަރުކާރާއި އިދިކޮޅު ޕީޕީއެމް އަދި ސަރުކާރު ކޯލިޝަން ޖޭޕީ އިން ވަނީ ފާއިތުވި މުއްދަތުގެ ތެރޭގައި މެމްބާޝިޕް ބޮޑުތަނުން އިތުރުކޮށްފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހާއި ހަމައަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގައި 53،590 މީހުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ދެއްކި ނަމަވެސް މިރޭ އަކްރަމް އާއްމު ކުރެއްވި ދަފްތަރުން މެންބަރުންގެ އަދަދު މަދުވެ އެޕާޓީގެ މެންބަރުން ތިބި އަދަދު ވަނީ 52،952 އަށް ވެއްޓިފައެވެ. އެހެންކަމުން ފާއިތުވި އެއް އަހަރުގެ ތެރޭގައި 638 މީހުން ވަނީ އެޕާޓީ އިން ވަކިވެފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހާއި ހަމައަށް ޖޭޕީގައި 10،158 މެންބަރުން ތިބި ކަމަށް އިލެކްޝަނުގެ ވެބްސައިޓުން ދެއްކި ނަމަވެސް މިހާރު އެ އަދަދު ވަނީ 13،852 އަށް އިތުރުވެފައެވެ. އެހެންކަމުން ފާއިތުވި އެއް އަހަރުގެ މުއްދަތުގެ ތެރޭގައި 3،667 މީހަކު އެޕާޓީ އާއި ވަނީ އަލަށް ގުޅިފައެވެ.

އިދިކޮޅު ޕީޕީއެމްގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް 36،801 މެންބަރުން ތިބިއިރު އެޕާޓީ އަށް ވެސް ފާއިތުވި އެއް އަހަރުގެ ތެރޭގައި ވަނީ މެންބަރުންގެ އަދަދު އިތުރުވެފައެވެ. އެގޮތުން ފާއިތުވި އެއް އަހަރު 343 މެންބަރުން އެޕާޓީ އަށް އިތުރުވެ 37،144 އަށް ޖުމްލަ މެންބަރުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ޕީޕީއެމް އަށް މެންބަރުން އިތުރުވި ނަމަވެސް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީ އިން މެންބަރުން ވަނީ މަދުވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގައި 4،455 މެންބަރުން ތިބި ނަމަވެސް މިހާރު އެޕާޓީގައި ތިބީ 4،004 މެންބަރުންނެވެ. މިދިޔަ އަހަރު ލޭބާ ޕާޓީގައި 2،915 މެންބަރުން ތިބިއިރު މިހާރުގެ ދަފްތަރުން ދައްކާ ގޮތުގައި އެޕާޓީގައި ތިބީ 2،881 މެންބަރުންނެވެ. އެމްޓީޑީގައި 3،454 މެންބަރުން މިދިޔަ އަހަރު ތިބި ނަމަވެސް މިހާރު އެޕާޓީ އިންވެސް މެންބަރުން ވަނީ މަދުވެފައެވެ. މިހާރުގެ ތަފާސް ހިސާބުން ދައްކަނީ އެޕާޓީގައި ތިބީ 3،171 މެންބަރުން ކަމަށެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ސަން ޓްރެވަލް ސިޔާމްގެ އެމްޑީއޭއިން ވެސް ފާއިތުވި އެއް އަހަރު މެންބަރުން ވަނީ މަދުވެފައެވެ. އެގޮތުން 769 މެންބަރުން އެޕާޓީން ވަނީ މަދުވެފައެވެ. މިހާރު އެޕާޓީގައި ތިބީ 8،178 މެންބަރުންނެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ލީޑު ކުރައްވާ އަދާލަތު ޕާޓީގައި މިދިޔަ އަހަރު ތިބީ 6،436 މެންބަރުންނެވެ. ނަމަވެސް މިހާރު އެޕާޓީގައި ތިބި ކަމަށް ދައްކަނީ 6،640 މެންބަރުންނެވެ. އެހެންކަމުން އެޕާޓީން މިވަނީ ކޮންމެވެސް ވަރެއްގެ ކުރި އެރުމެއް ލިބިފައެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ އަދަދަކީ 10 އެވެ. އެ ޕާޓީތަކުގައި ހިމެނޭ ޖުމްލަ މީހުންގެ އަދަދަކީ 134,720 އެވެ. ރާއްޖޭގެ އާބާދީގެ 264,442 މީހުންނަކީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނެވެ. އެހެންކަމުން 129,722 މީހުންނަކީ އަދިވެސް އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިފައި ނުވާ މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *