މީޑިއާތަކުގެ ސުލޫކީ މިންގަނޑު ދެމެހެއްޓުމަށް ބްރޯޑްކޮމްއާ އައިޔޫއެމް އެއްބަސްވެއްޖެ

ބްރޯޑްކޮމް އަދި އައިޔޫއެމް އިން އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ދިވެހި މީޑިއާގެ ވެށްޓަކީ ސުލޫކީ މިންގަނޑު ހިފަހައްޓައި އިސްލާމީ ހަމަތަކަށް އިޙުތިރާމުކުރާ ވެށްޓެއްގެ ގޮތުގައި ބައްޓަންކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި އިސްލާމިކް ޔުނިވާސިޓީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމީ ޔުނިވާސިޓީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ބްރޯޑްކޮމްގެ ފަރާތުން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ ސޮއިކުރެއްވިއިރު އިސްލާމީ ޔުނިވާސިޓީގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ސޮއިކުރެއްވިއެވެ.

މިއަދު މި ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ކޮމިޝަނާއި އިސްލާމީ ޔުނިވާސިޓީ ގުޅިގެން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ މައިގަނޑު މަގުސަދުތަކަކީ، ދިވެހި ނޫސްވެރިންނަކީ ބްރޯޑްކާސްޓް ނޫސްވެރިކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި ހަމަތަކަށް އަދި ސުލޫކީ މިންގަނޑަށް އަހުލުވެރި، ގާބިލު ބައެއް ކަމުގައި ހެދުމާއި، އެ ދާއިރާގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ފެންވަރު މަތިކޮށް، ނޫސްވެރިންނަކީ ގާބިލް އަދި ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމުގެ އިތުރުން، ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްއަށް ނޫސްވެރިން އަހުލުވެރިކުރުވުން ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަށް ވެވޭ މި އެއްބަސްވުމުގެ ދަށުން، އިސްލާމީ އުސޫލުތަކަށާއި ދިވެހި ގައުމިއްޔަތަށާއި ދިވެހިބަހަށް ނޫސްވެރިން އަހުލުވެރިކުރުވުމާއި، ދިވެހި މީޑިއާ ހެޔޮ ގޮތުގައި ދަމަހައްޓައި ދޭނެ ޒިންމާދާރު ނޫސްވެރީން އުފެއްދުމާއި، މީޑިއާގައި ހުރި މައްސަލަތައް ދެނެގަތުމަށްޓަކައި، އިލްމީ ދިރާސާތައްކޮށް ނޫސްވެރިކަމުގެ ވެށި ކުރިއެރުވުމުގެ އިތުރުން ނޫސްވެރިންގެ ގަދަރު މަތިކޮށް މުޖުތަމައުގެ އިތުބާރާއި ޔަގީންކަން ކަށަވަރުކޮށްދިނުމަށް ދެ ފަރާތް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށްވެސް އަމާޒު ކަނޑައަޅާފައިވާނެ ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *