ކޮމަންވެލްތުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް އުއްމީދުކުރަން: މޯދީ

ކޮމަންވެލްތު މެންބަރު ގައުމަކަށް ރާއްޖެ ކަނޑައެޅުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހަށް މަރުހަބާ ދަންނަވާ މޯދީ ވަނީ ކޮމަންވެލްތު މެންބަރު ގައުމަކަށް ރާއްޖެވުމުން ރައީސް ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ރާއްޖެއިން ކޮމަންވެލްތުގައި މުހިއްމު ދައުރެއް އަދާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެކަމުގެ ފައިދާތައް ކުރިޔަށް އޮތްތަނުގައި ރާއްޖެއަށް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މޯދީ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައަޅާފައިވާ ކަމަށެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެވެ. އެއީ 2018 ވަނަ އަހަރުގެ އޯކްޓޯބަރު މަހުގެ 13 ވަަނަ ދުވަހެވެ. ރައީސް ޔާމީންގެ ސަރުކާރުން ކޮމަން ވެލްތުން ވަކިވާން ނިންމީ، ރާއްޖެއިން ކުރަމުން ދިޔަ ބައެއް ކަންކަމުގެ ސަބަބުން ރާއްޖެ ސަސްޕެންޑް ކުރަން އެ ޖަމާއަތުން މަސައްކަތް ކުރުމުންނެވެ.

ކޮމަންވެލްތަށް އަލުން ވަނުމަށް ހުށަހަޅައި، އެމަސައްކަތް ކުރިއަށް ގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް 17 ނޮވެމްބަރު 2018 ވަނަ ދުވަހު މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ނިންމެވި އެންމެ ފުރަތަމަ އެއްކަންތަކެވެ. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް ސަރުކާރުގެ ފުރަތަމަ ހަފްތާތެރޭ ކެބިނެޓުން ރުހުން ދެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައި، ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި އެއްގޮތަށް ކޮމަންވެލްތަށް ވަނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *