ވިޔަފާރި ބަނގުރޫޓުވެ ކެފޭތައް ބަންދުކޮށް ތަޅުދަނޑި ރައީސް އޮފީހާ ހަވާލުކުރަން ތައްޔާރުވަނީ

ކާނިވާ ސަރަހައްދުގައި ހުންނަ ކެފޭއެއްގެ ތެރެ: ފޮޓޯ / އަވަސް

ކޮވިޑް19 ގެ ސަބަބުން ކެފޭ ރެސްޓޯރަންޓުތަކުގެ ވިޔަފާރި ދަށްވެ ބައެއް ތަންތަން ބަންދު ކުރަންޖެހޭ ހާލަތަށް މިހާރު ގޮސްފައިވާތީ އެތަންތަން ބަންދު ކުރުމަށްފަހު ރައީސް އޮފީހާ އެތަންތަނުގެ ތަޅުދަނޑި ފަތި ހަވާލު ކުރުމަށް ކެފޭ ރެސްޓޯރަންޓުތަކުގެ ވެރިން ތައްޔާރުވާން ފަށައިފިއެވެ.

ކެފޭ، ހޮޓާ، ރެސްޓޯރަންޓްތަކުގެ ޔޫނިއަން، މޯލްޑިވްސް އީޓަރީ ޔޫނިއަން (އެމްއީޔޫ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެތަންތަން ބަންދުކޮށް ތަޅުދަނޑީގެ އިތުރުން އެތަންތަނުގެ މުވައްޒަފުންވެސް ރައީސް އޮފީހާ ހަވާލުކުރާ ހާލަތަށް އެމީހުންގެ ވިޔަފާރިތައް މިހާރު ގޮސްފައިވާ ކަމަށެވެ.

މިހާ ބޮޑަށް ކެފޭ ރެސްޓޯރަންޓުތަކަށް ގެއްލުންތައް ލިބެން ފެށީ ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 5:00 އާއި ހަމައަށް އެއްގަމު ދަތުރުފަތުރު ކުރުން މަނާ ކުރުމުންނެވެ. ނަމަވެސް ރޭގަނޑު 22:00 އާއި ހަމައަށް ފައިމަގުގައި އުޅެވެއެވެ. ނަމަވެސް މި ފިޔަވަޅުތައް ވެގެން ދިޔައީ ކެފޭ ރެސްޓޯރަންޓުތަކަށް ބޮޑެތި ގެއްލުންތައް ލިބެން ފެށި ފިޔަވަޅަކަށެވެ.

މިފަދަ ތަންތަނަށް އެންމެ ބޮޑަށް ވިޔަފާރި ވަމުން އަންނަނީ ރޭގަނޑުކަން ފާހަގަކޮށް އެމްއީޔޫ އިން ބުނީ އެކަމުގައި ކެފޭ ރެސްޓޯރަންޓުތަކުގެ ވެރިންގެ ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ބައްދަލުކޮށް މަޝްވަރާ ކުރަމުން އަންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެ ޔޫނިއަން އިން ބުނާ ގޮތުގައި ކޮވިޑް19 އެންމެ ބޮޑަށް ފެތުރެނީ ކެފޭ ރެސްޓޯރަންޓުތަކުން ކަމަށް ބުނާ ވާހަކަ އަކީ ހުއްޖަތެއް ނޫން ކަމަށެވެ.

"މި ބުނަނީ ރެސްޓޯރަންޓްތަކަށް ދިޔައިމަައޭ ކޮވިޑް މިޖެހެނީ. އެކަމަކު އެކަން ކިހިނެތްތޯ ގަބޫލު ކުރާނީ." އެ ޔޫނިއަން އިން ބުންޏެވެ.

ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ބުނާ ކޮންމެ ކަމެއް ކެފޭ ރެސްޓޯރަންޓުތަކުން ކުރަމުން އަންނައިރުވެސް އެބޭފުޅުން [ކެފޭ ރެސްޓޯރަންޓުތަކުގެ ވެރިން] ބުނާ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ނުކުރާކަން ވަނީ އެ ޔޫނިއަން އިން ފާހަގަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *