ޕޯސްޓުމޯޓަމް ހެދުމުގެ އިހްތިޔާރު ސީދާ ފުލުހުންނަށް ދީފި

2013ވަނަ އަހަރު ހެންވޭރު ގެސްޓު ހައުއެސްއެއްގެ ތެރޭގައި މަރުވި މީހެއްގެ ހަށިގަނޑު ފުލުހުން ނެރެނީ ---

ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދިނުމަށް ނިންމައިފިއެވެ. މިގޮތަށް ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވުމާއި އެކުގައެވެ.

ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދިނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު މަޖިލީހުން ފާސްކުރީ މި މަހުގެ 6ވަނަ ދުވަހުއެވެ.

މިއީ ރާއްޖޭގެ ތާރިހުގައި ވެސް ގާނޫނެއްގައި ޕޯސްޓު-މޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދިން ފުރަތަމަ ފަހަރެވެ.

އިސްލާހުގައި ބުނެފައި ވަނީ ޕޯސްޓް-މޯޓަމްއެއް ހަދަން ވާނީ، މެޑިކަލް ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. މާއްދާގައި ބަޔާން ކުރާ ފަދަ މަރުގެ މައްސަލަތަކާ ގުޅިގެން ހަދާ ޕޯސްޓް-މޯޓަމް ރިޕޯޓު، އެ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ކޯޓުން ގަބޫލު ކުރަން ވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ޕޯސްޓް-މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެކުލަވާލައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ވާނެ ކަމަށް ވެސް ބިލަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެއެވެ.

މި އިސްލާޙު ބިލުގައި ހިމަނާފައިވާ މައިގަނޑު ސަބަބަކީ، ގޮތް ނޭނގޭ ގޮތަށް މަރުވެފައިތިބޭ މީހުންގެ މަރުތަކުގެ މައްސަލަތަކާއި ޖިނާއީ ކުށްތަކާ ގުޅުން ހުންނަ ގޮތަށް މަރުވާ މީހުންގެ މަރުގެ ހަގީގަތް ހޯދުމަށް ޕޯސްޓް-މޯޓަމް ހެދުމުގެ ގާނޫނީ ބާރު ފުލުހުންނަށް ލިބިދިނުމުގެ ގޮތުން ކަމަށް ކޮމެޓީން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *