ނައިޓަށް ދެވޭ ގޮތަށް ބިލަށް ގެނައި އިސްލާހުތައް ތަސްދީގުކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުި -- ފޮޓޯ / ރައީސް އޮފީސް

ރިސޯޓް މުވައްޒަފުން ވަޒީފާ އަދާ ކުރާ ރަސްމީ ގަޑި ނިމުމުން ވަޒީފާ އަދާ ކުރަން ދޫކޮށް ދެވޭނެ ކަމަށް ބަޔާންކޮށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާއި އޭގެ އިތުރަށްވެސް އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ 2020 ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ބިލުގައި ބުނެފައި ވަނީ މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން، އޭނާ މަސައްކަތްކުރާ ސައިޓުގައި ނުވަތަ ރަށުގައި ނުވަތަ އުޅަނދެއްފަދަ ތަނެއްގައި ހުރުމަށް ވަޒީފާދޭ ފަރާތުން އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ. އަދި، މުވައްޒަފަކު އޭނާ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑި ނިމުމުން، އޭނާ ވަޒީފާއަދާކުރާ ތަން ދޫކޮށް ދިއުމާއި ވަޒީފާއަށް ނުކުންނަންޖެހޭ ގަޑިއަށް އެތަނަށް އަނބުރާ އައުމަށް ވަޒީފާދޭ ފަރާތުން ނުވަތަ ތަނުގެ ވެރިފަރާތުން ހުރަސްއަޅައިގެންނުވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މަސައްކަތު ގަޑި ނިމުމުން، މުވައްޒަފަކު އޭނާ ވަޒީފާއަދާކުރާ ތަން ދޫކޮށް ދިއުމަށް އަދި ވަޒީފާއަށް ނުކުންނަންޖެހޭ ގަޑިއަށް އެތަނަށް އަނބުރާ އައުމަށް ފުރާދުއްވާ
އުޅަނދެއް ބޭނުންކުރަންޖެހޭނަމަ، އެ އުޅަނދަކަށް އެތަނަކަށް ކައިރިކުރުމުގެ ހުއްދަ ވަޒީފާދޭ ފަރާތުން ނުވަތަ ތަނުގެ ވެރިފަރާތުން ދޭންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެމަތިން މުވައްޒަފަކު އެދެފިނަމަ، އޭނާއަށް ލިބޭ އަހަރީ ޗުއްޓީ ފެށުމުގެ ކުރިން މަސައްކަތަށް ނުކުންނަ އެންމެ ފަހު ދުވަހަށްވުރެ ލަސްނުވާނެ ގޮތުގެމަތިން، އެ ނަގާ ޗުއްޓީގެ ދުވަސްތަކަށް މުސާރައިންޖެހޭ ފައިސާގެ އަދަދު ވަޒީފާދޭ ފަރާތުން އޭނާއަށް ދޭންވާނެ ކަމަށާއި ނަމަވެސް، ދައުލަތުން މުސާރަދޭ މުވައްޒަފަކު އެ މުވައްޒަފަކު ޗުއްޓީގައި ހުރި ނަމަވެސް، ޢާންމު ގޮތެއްގައި މުސާރަދޭ އުސޫލުން މުސާރަ ދެވިދާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ

މުވައްޒަފަކު ހިދުމަތްކުރާ ކޮންމެ އަހަރަކު، މުސާރަ ލިބޭގޮތަށް ކޮންމެ މުވައްޒަފަކަށްވެސް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް، ސަލާމުގެ ޗުއްޓީގެ
ގޮތުގައި ދޭންވާނެ ކަމަށާއި ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒަފަކަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިޔަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ، އެ މުވައްޒަފަކަށް ސަލާމުގެ ޗުއްޓީ ދިނުން، ވަޒީފާދޭ ފަރާތުގެ މައްޗަށް ލާޒިމުވެގެންނެއް ނުވާ ކަމަށްވެސް ބިލުގައިވެއެވެ.

ނަމަވެސް، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން، މެޑިކަލް ސެޓްފިކެޓަކާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިޚްތިޔާރު، ވަޒީފާއަދާކުރާ ފަރާތަށް ލިބިގެންވާ ކަމަށްވެސް ބިލުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *