ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއް ކަމަށް ކަނޑައަޅައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބިލެއް ތަސްދީގު ކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ. އެގޮތަށް ކަނޑައެޅިގެން ދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހެދުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ މި މަހުގެ 6ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ބޭނުމަށްޓަކައި ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި 11 ކުށެއް އެ ގާނޫނުުގައި މިހާރު ހިމަނާފައިވެ އެވެ. އެކަމަކު އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކެއް މިހާރު ނުހިމެނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތަކަކީ:

- މީހުން މެރުމުގެ ކުށް؛

- އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް؛

- ޓެރަރިޒަމްގެ ކުށް؛

- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛

- މީހުން ޓްރެފިކްކުރުމުގެ ކުށް؛

- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛

- ވައްކަން، ޓެކުން، ހިޔާނަތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތައް؛

- ކޮރަޕްޝަންގެ ކުށް؛

- ގޭންގު ކުށް؛

- މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުން؛

- ދައުލަތުގެ އިސްތިގުލާލާއި މިނިވަންކަމަށް ގެއްލުންވާ އަމަލު ހިންގުން.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ޖިނާއި ބޮޑު ކުށަކަށް ހަދަން ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފައިވާއިރު މިފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *