ގްރޭޓާ މާލޭ ކުންފުނީގެ ޒިންމާތަކާ އެޗްޑީސީން ހަވާލުވިކަން އިއުލާންކޮށްފި

ގްރޭޓާ މާލެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އިބޫ: ފޮޓޯ / ސަން

ތިލަފުށި ހިންގަމުން އަންނަ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ޒިންމާތަކާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުވިކަން ގްރޭޓާ މާލެ ކުންފުނިން އިއުލާން ކޮށްފިއެވެ.

އެކުންފުނިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގްރޭޓާ މާލެ ކުންފުންޏާއި އެޗްޑީސީ އެއްކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމަވާފައި ވަނީ ދެ ކުންފުނި އެއްކޮށްލުމުން މާލީ ގޮތުންނާއި އަދި ހިންގުމުގައި ލިބޭނެ ފައިދާ ތަކަށް ރިއާޔަތް ކުރުމަށްފަހު ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލޭ އޭރިޔާ ތަރައްގީ ކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ކަމަށް ގްރޭޓާ މާލެ ކުންފުނިން ބުންޏެވެ.

ސަރުކާރުން އެކުލަވާލައްވާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ތަރައްގީ ކުރުމުގެ މަސައްކަތްތައް އެޗްޑީސީ އިން ކުރިއަށް ގެންދާނީ ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިން ކަމަށް ގްރޭޓާ މާލެ ކުންފުނިން ބުންޏެވެ.

"މިގޮތުން، ފުރަތަމަ މަރުހަލާއެއްގެ ގޮތުން ޖީއެމްއައިޒެޑްއެލްގެ އެންމެހައި އެސެޓްސް، ލައިބިލިޓީސް، މުއައްޒަފުން އަދި އެންމެހައި އެއްބަސްވުންތަކާއި ކުންފުނީގެ މައްޗަށް އޮތް އެންމެހައި އިލްތިޒާމްތަކާއި ޒިންމާތައް އެޗްޑީސީއަށް ބަދަލުކުރުމަށް ނިންމާފައިވާކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި އާންމުކޮށް އަންގާ އިއުލާނު ކުރަމެވެ." ގްރޭޓާ މާލެ ކުންފުނިން ނެރެފައިވާ އިއުލާނުގައިވެއެވެ.

އެނިންމުމާއި ގުޅިގެން އެ ކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުންތަކަށާއި ލިޔެކިޔުންތަކަށް ގެންނަންޖެހޭ އެންމެހައި ބަދަލުތައް ގެނައުމަށް އެ ކުންފުނިން އެފަރާތްތަކާއެކު މުއާމަލާތް ކުރަމުން ގެންދާނެ ކަމަށްވެސް ގްރޭޓާ މާލެ ކުންފުނިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *