ކާޕެޓުގެ މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ނެތް: އޭސީސީ

މޮރޮކޯ އިން މިނިސްޓަރު ޝާހިދަށް ދެއްވި ކާޕެޓު ---

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރޮކޯ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނަށް އެގައުމުން ހަދިޔާ ކުރެއްވި ކާޕެޓުގެ މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީ އިން ބުނީ ކާޕެޓާއި ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެ މައްސަލަ އޭސީސީ އަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. މައްސަލަ ހުށަހެޅުއްވި ފަރާތުން ބުނެފައިވަނީ ދައުލަތުގެ މިނިސްޓަރަކަށް ގައުމަކުން ހަދިޔާ ކުރި އެއްޗެއް ދައުލަތާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މޮރޮކޯ އިން ދިން ކާޕެޓު މިނިސްޓަރު ޝާހިދުގެ ގެއަށް އެމަނިކުފާނު ގެންދެވި ކަމަށެވެ.

އޭސީސީ އިން ބުނީ އެ ކާޕެޓު ޝާހިދަށް ލިބިވަޑައިގަތީ މޮރޮކޯ އަށް ކުރެއްވި ދަތުރުފުޅުގައި ކަމަށާއި އެ ކާޕެޓު ލިބިވަޑައިގަތީ މޮރޮކޯގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު، ނޫސްވެރިންގެ ބައްދަލުވުމަކަށް ވަޑައިގަތުމުގެ ކުރިން ކަމަށެވެ.

އެ ދަތުރުގައި މިނިސްޓަރުގެ އަރިހު ވަޑައިގެންނެވި ވަފްދު އެނބުރި ރާއްޖެ ވަޑައިގެން އެ ކާޕެޓު މިނިސްޓްރީ އަށް ގެންދިޔަކަން ވެސް އެނގެން އެބައޮތް ކަމަށް ރިޕޯޓުގައިވެއެވެ. އެ ގޮތުން ފޮރިން މިނިސްޓްރީއަށް ގެންދާ މަންޒަރު ސީސީޓީވީ ފުޓޭޖްގައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

އެ މައްސަލަ ދިރާސާ ކުރިއިރު އޭސީސީ އިން ވަނީ ފޮރިން މިނިސްޓްރީ އަށް ޒިޔާރަތްކޮށްފައެވެ. އަދި އެ މިނިސްޓްރީގެ ސްޓޮކް ރޫމުގައި އެ ކާޕެޓު އޮތް ކަމަށްވެސް އޭސީސީ އިން ބުންޏެވެ. އެހެންކަމުން އެ މައްސަލާގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނެތް ކަމަށް އޭސީސީ އިން ނިންމާފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *