ކަރަންޓީނު ކުރި ތިން މީހުންގެ ކިބައިން ކޮރޯނާގެ އަލާމާތެއް ނުފެނޭ

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ --

ނޮވެލް ކޮރޯނާ ވައިރަސްއަށް ޓެސްކުރުމަށް އެކަހެރިކޮށްފައި ތިބި ތިން މީހުންގެ ކިބައިން ފެނުނު އެ ރޯގާގެ އަލާމާތްތައް މިހާރު ނެތް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެންމެ ފުރަތަމަ މި ބައްޔަށް ޝައްކު ކުރެވިގެން ކަރަންޓީނު ކުރި 20 އަހަރުގެ ޒުވާނާގެ ކިބައިން ކުރިން ފެނުނު އެއްވެސް އާލާމާތެއް  މިހާރު ނުފެންނަ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އިއްޔެވެސް ދެ މީހަކަށް ޝައްކު ކުރެވިގެން ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ދެމީހުންގެ ކިބައިންވެސް ކުރިން ފެނުނު އަލާމާތްތައް ނުފެންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޓެސްޓުތަކުގެ ސާމްޕްލް މިރޭ 7:00 ގައި އިންޑީއާގެ ވެރިރަށް ނިއުދިއްލީއާ ހަމައަށް ގޮސްފައިވާ ކަމަށާއި ޓެސްޓްތައް ހަދާ އިންޑީއާގެ ޕޫނޭއަށް މިރޭގެ ވަގުތެއްގައި އެ ސާމްޕަލްތައް ފޮނުވޭނެ ކަމަށެވެ.

އަމީން އިތުރަށް ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފޭސްގައިވާ ފަރުކޮޅުފުށީގައި ވެސް ކަރަންޓީން ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން އެތަނުގެ ކެޕޭސިޓީ އިތުރުކޮށް ފަރުވާ ދިނުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ކަންކަންވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.