ޖިހާދާ މުނައްވަރަށް ދައުވާ ކުރެވެން ނެތް ކަމަށް ނިންމާފައެއް ނުވޭ: އޭސީސީ

ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އަދި ކުރީގެ ނާއިބު ރައީސް ޖިހާދު --

ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދާއި އަޙްމަދު މުނައްވަރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލާގައި ދައުވާ ނުކުރުމަށް ނިންމާފައި ނުވާ ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތައް އޭސީސީ އިން ދޮގުކޮށްފިއެވެ.

ޖިހާދާއި މުނައްވަރުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ޓޫރިސްޓް ރިސޯޓު ތަރައްޤީކުރުމަށް ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ ހަތް އެއްބަސްވުމެއްގައި، އެ އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ޙިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް ‘ޕުޓް-ރައިޓް އޮޕްޝަން’ ހިމަނާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ނަމަވެސް އެ މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށާއި އެ މައްސަލަ ޕީޖީ އިން އަނބުރާ ފޮނުވާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ވާހަކަތަކާއި ގުޅިގެން "ހަތާވީސް" އޮންލައިން އަށް އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ދައުވާ ނުކުރުމަށް ޕީޖީ އިން ނިންމާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ އޭސީސީ އަށް އަނބުރާ ފޮނުވާލާފައި ވެސް ނުވާ ކަމަށް އޭނާ ބުންޏެވެ.

"ޕީޖީ އިން މައްސަލަ ދިރާސާ ކުރުމަށްފަހު ދެންނެވީ މައްސަލައަށް ބައެއް ކަންކަން އިތުރު ކުރުމަށް. އެހެންވެ މިހާރު އެ މަސައްކަތް އޭސީސީ އިން ދަނީ ކުރަމުން،" އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލާގައި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް "ހަތާވީސް" އަށް ވިދާޅުވީ އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ޑިއުޓީ ޕްރޮސިކިއުޝަން އަށް ހުށަހެޅުމުން ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ފާހަގަކުރެވިގެން ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށްފަހު އަލުން ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ އާއި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާ އާއި ދަޢުލަތުގެ މުވައްޒަފަކަށްވެހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ، ޤާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދަޢުވާ އާއި، ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީން އެ ދައުވާތައް ކުރުމަށް ނިންމީ ރިސޯޓު ތަރައްގީ ކުރުމަށް ދޫކުރި ބ.ތިލަދޫ، ށ.ހުރަސްފަރު، ށ.ނާއިންފަރު، ރ.ފަސްމެންދޫ، ކ.އެނބޫދޫ ފިނޮޅު، ކ.ކޮއްދިއްޕަރުފަޅު (ދިއްދޫފިނޮޅު) އަދި ކ.ކޮއްދިއްޕަރުފަޅު (އަމީންގިރި) އަމިއްލަ ފަރާތްތަކަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުންތައް ތަހުގީގުކުރުމަށްފަހުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *