ހައްމާދު އަށް ހަމަލާދިން ކަމަށްބުނާ އާސިފް ދައުވާ އަށް އިންކާރުކޮށްފި

ހައްމާދު އަށް ހަމަލާދިން ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވާ އާސިފް މިއަދުގެ ޝަރީއަތުގައި ---

އުފެދުނު ހިޔާލު ތަފާތުވުންތަކަކާއި ގުޅިގެން "ޖަރީ" ނަމަކަށް ކިޔާ ލަނޑާ ދޯންޏެއްގައި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދަށް އެ ދޯނީގައި ހުރި ހަމަ އެރަށު ބީޗްހައުސް، އިސްމާއިލް އާސިފް ހަމަލާދިން ކަމަށް ބުނެ އުފުލާފައިވާ ދައުވާ އަށް އާސިފް އިންކާރުކޮށްފިއެވެ.

މި ހާދިސާ ހިނގާ ދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ. ފުލުހުން ތުހުމަތު ކޮށްފައިވާ ގޮތުގައި އާސިފް ހައްމާދު އަށް ހަމަލާ ދީފައި ވަނީ ދީނީ ގޮތުން އުފެދުނު ހިޔާލު ތަފާތުވުންތަކަކާއި ހެދިއެވެ. އެ ހިޔާލުތަފާތުވުންތަކުގައި ތޫނު އެއްޗަކުން ހައްމާދު އަށް ހަމަލާދީ އޭނާ މޫދަށް އެއްލާލި ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. އަދި ހައްމާދު ފަތާފައި އއ. މާޅޮހަށް އެރި ކަމަށާއި ހައްމާދު ހޯދުމަށް އާސިފްއާއެކު އެ ދޯނީގައި ހުރި އިތުރު މީހަކުވެސް މާޅޮހަށް ދިޔަ ކަމަށް މަންޒަރު ދުށް މީހުންނާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މިއަދު މި މައްސަލާގައި އިބްތިދާއީ އަޑުއެހުން ކުރިޔަށް ގެންގޮސްފައިވާއިރު ދައުލަތުން ވަނީ ގިނަ އަދަދެއްގެ ޝަފަވީ ހެކިން ހުށަހަޅާފައެވެ. އޭގެތެރޭގައި 9 ސިއްރު ހެއްކެއް ހުށަހަޅާފައިވެއެވެ. އަދި ކިތާބީ ހެއްކެއްގެ ގޮތުގައި ދޯނިން ފެނުނު ލޭގެ ޑީއެންއޭ ވެސް ވަނީ ހުށަހަޅާފައެވެ.

ނަމަވެސް ދައުވާ އަށް އިންކާރު ކުރަމުން އާސިފް ބުނީ ހައްމާދަށް އޭނާ ހަމަލާދިން ކަމުގެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އޭނާ ހައްމާދަށް ހަމަލާދިން މަންޒަރު ފެނުނު މީހަކުވެސް ނެތް ކަމަށް އާސިފް ބުންޏެވެ. އަދި އޭނާ ކުށެއް ނުކުރާކަން ސާބިތު ކުރުމަށް ދޯނީގައި އާސިފްއާ އެކުގައި ހުރި ދެވަނަ މީހާގެ ހެކިބަސް ނަގަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ހައްމާދު އަށް އެވަރުގެ ބޮޑު ޒަހަމްތައް ލިބިފައި ހުރީ ހައްމާދުގެ އަތުން ކަމަށެވެ. އަދި ފުލުހުންނަށް އާސިފް ދިން ބަޔާނުގައިވެސް ތޫނު އެއްޗެއް ހިފައިގެން އާސިފް އަށް ހަމަލާ ދިނުމަށް ހައްމާދު ދޯނީގައި އުޅުނު ކަމަށާއި އެކަމުން ސަލާމަތްވުމަށް އާސިފް މުޅި ދޯނީގައި ދުވި ކަމަށް އޭނާ ބުންޏެވެ. އެ އުޅުމުގެ ތެރޭގައި ހައްމާދު މޫދަށް ވެއްޓުނީ ކައްސާލައިގެން ކަމަށާއި މާޅޮހަށް އަރާފައި ވަނީ ވެސް ހައްމާދު ހުރީ ހަމަ ބުއްދީގައި ނޫންކަން އެނގި އޭނާ އަމިއްލަ ނަފްސަށް ގެއްލުމެއް ދީފައިނެތީ ކަމަށް އާސިފް ބުންޏެވެ. އަދި ހަމަ އެހެން ފުލުހުންނަށް ބަޔާންވެސް ދީފައިވާނެ ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި ހައްމާދަށް ހަމަލާދިން ނަމަ އޭނާ މާޅޮހަށް އަރަންވީ ސަބަބެއް ނެތް ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ މައްސަލައިގެ ހެކިބަސް ނެގުން މިމަހުގެ 27ވަނަ ދުވަހު އޮންނާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *