ހަގީގަތް ހާމަ ކުރެއްވީތީ މައުމޫންގެ ޝުކުރު ކުރީގެ ބްރިގޭޑިއާ ދީދީއަށް

ކުރީގެ ބްރިގޭޑިއާ ދީދީ (ކ) އަދި ރައީސް މައުމޫން --

ދެހާސް ތިންވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހު މާފުށި ޖަލުގައި ހިނގާދިޔަ ބަޑި ޖެހުމުގެ ހާދިސާގައި އެތައް ގައިދީންތަކަކަށް ލިބުނު އަނިޔާއާ ގުޅޭ ގޮތުން ހަގީގަތް ހާމަ ކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބްރިގޭޑިއާ (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީ އަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރުކަން މީގެކުރިން ކުރައްވާފައިވާ ބްރިގޭޑިއާ ދީދީ ވަނީ ޓްވީޓާގައި އެ ހާދިސާއާ ގުޅުވައިގެން ރައީސް މައުމޫންގެ އިސްތަށިފުޅުގައި އަޅުއްވަމުން ގެންދާ އިލްޒާމުތަކުގެ ދިފާއުގައި ނިކުންނަވާފައެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2003ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހު މާފުށި ޖަލުގައި ހިނގި އެ ހާދިސާގައި ޖަލުގައި ބަޑި ޖެހީ އޭރުގެ ސިފައިންގެ އިސްވެރިޔާ އަކަށް ހުންނެވި ކުރީގެ ރައީސް މައުމޫންގެ އޯޑަރަށް ކަމަށް ވިދާޅުވެފައެވެ. ބަޑި ޖެހި މީހުން އުމުރަށް ޖަލަށްލީ ނަމަވެސް ބަޑިޖަހަން އޯޑަރު ކުރި މީހާ އުޅެމުން ދަނީ އުފަލާއި އަރާމުގައި ކަމަށް ނިހާދު ވިދާޅުވިއެވެ.

ނަމަވެސް ނިހާދަށް ރައްދު ދެއްވާ ބްރިގޭޑިއާ ދީދީ ވަނީ އެ ވާހަކަތަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މެންބަރަކަށް ހުންނަވައިގެން އެފަދަ އިލްޒާމުތައް އަޅުވަން ނުވާނެ ކަމަށް ވިދާޅުވިއެވެ. އެ ދުވަހު ކަން ދިމާކުރި ގޮތުން އޭރުގެ ނޭޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް)ގެ ޑިއުޓީ އޮފިސަރަކަށް ހުންނެވީ ބްރިގޭޑިއާ ދީދީ ކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވީ ޖަލުގައި ތިބި ގައިދީންނާއި ދެކޮޅަށް "ލީތަލް" ހަތިޔާރު ބޭނުން ކުރަން ރައީސް މައުމޫން އަމުރު ކުރައްވާފައިވާ ނުވާ ކަމަށެވެ.

ދީދީގެ މި ވާހަކަތަކާ އާންމު ފަރާތަކުން ވަނީ އެ ދުވަހު ޖަލުގައި ބަޑި ޖެހުމަށް އޯޑަރު ކުރީ ކޮން ފަރާތަކުންތޯ ޓްވީޓާގައި މީހަކު ސުވާލު ކުރުމުން ވިދާޅުވީ  އެކަން ވަނީ ތަހުގީގު ކުރެވިފައި ކަމަށެވެ. ބަޔާންތައް ޕީޖީ އޮފީހުގައި ހުންނާނެ ކަމަށާއި ކުށްވެރިވި މީހުންނަށް ފިޔަވަޅު އެޅިފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޓްވީޓާގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ނެތިން ކަމަށް ވިދާޅުވެ އޭނާ ވަނީ އެދުވަހުގެ ހާދިސާގައި ރައީސް މައުމޫން ބަޑިޖަހަން އަމުރުފުޅު ނުކުރައްވާ ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

އެކަމާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ އެ ދުވަހުގެ ހަގީގަތް ހާމަ ކުރެއްވީތީ ޝުކުރު ދަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *