ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ރާއްޖެއަށް 250 މިލިއަން ޑޮލަރު ދީފި

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --

ކޮވިޑް19 ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވުމަށް ދިވެހި ސަރުކާރަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރު އިންޑިއާ ސަރުކާރުން މިއަދު ފޯރުކޮށްދީފިއެވެ.

މި އެހީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވިފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގެ އޮފީހުގައެވެ. ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދްގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ހައި ކޮމިޝަނަރު ސަންޖޭ ސުދީރު އަދި އެސް.ބީ.އައި މާލެ ބްރާންޗްގެ ސީ.އީ.އޯ ބަރަތު މިޝްރާ ވެސް ބައިވެރިވެވަޑައިގަތެވެ.

ބަޖެޓް ސަޕޯޓް ގެ ގޮތުގައި ހަވާލުކުރެވިފައިވާ 250 މިލިއަން ޑޮލަރު ފޯރުކޮށްދެވިފައި ވަނީ، ދިވެހިރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީ ގެ އަރިހުގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ދެންނެވުމުންނެވެ. އަދި މި އެހީ ފޯރުކޮށްދެވިފައިވަނީ ދިވެހި ސަރުކާރަށް އެންމެ ލުއި އަދި އެންމެ ހެޔޮ ޓާމް ތަކުގެ ދަށުން ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

މާލީ އެހީތެރިކަމުގެ މި އަދަދު ފުރަތަމަ އިއުލާނު ކުރެވުނީ ފޮރިން މިނިސްޓަރު ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖެއިޝަންކަރުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގެ ތެރެއިންނެވެ. އަދި އެހީ ފޯރުކޮށްދިނުމަށް ހަމަޖެހުނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލެ ބްރާންޗް މެދުވެރިކޮށް ޓްރެޝަރީ ބޮންޑް ސޭލްއެއްގެ ގޮތުގައެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭނީ 10 އަހަރުގެ ރީޕޭމަންޓް ޓެނިއާ އަކަށް ފަހު ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

ބަޖެޓް ސަޕޯޓުގެ ގޮތުގައި ދެވޭ 250 މިލިއަން ޑޮލަރުގެ އެހީއަކީ އެއްވެސް ކޮންޑިޝަންއެއް، ނުވަތަ ޝަރުތަކާއި ނުލާ ފޯރުކޮށްދެވޭ އެހީއެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލުކުރުމަށްޓަކައި، މި އެހީގެ ބޭނުން ދިވެހި ސަރުކާރުން ބޭނުން ގޮތަކަށް ބޭނުން ކަމަކަށް ބޭނުން ކުރުމުގެ މިނިވަންކަން އޮންނާނެއެވެ.

އިންޑިއާ އިން ރާއްޖެ އަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 250 މިލިއަން ޑޮލަރުގެ ރަމްޒީ ޗެކުގައި ދެގައުމުގެ އިސްވެރިން ހިފަހައްޓައިގެން --

އަދި މި އެހީ ފޯރުކޮށްދެވެނީ މާލޭގައި ހުންނަ އެސް.ބީ.އައި މެދުވެރިކޮށް ކަމުން މިއީ ބޭރުގެ ދަރަންޏެއް ގޮތުގައި ހިމެނިގެން ނުދާނެއެވެ. މާލީ އެހީގެ މި އަދަދު ފޯރުކޮށްދިނުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އެސް.ބީ.އައި އަށް ސޮވެރިން ގެރެންޓީ ފޯރުކޮށްދީފައެވެ. 10 އަހަރު ދުވަހުގެ ޓެނިއާ އަކާއިއެކު ފޯރުކޮށްދެވޭ 250 މިލިއަން ޑޮލަރުގެ މި 'ސޮފްޓް ލޯން' ގެ އިންޓްރެސްޓް ރޭޓް ވެސް ވަރަށް ކުޑައެވެ. އަދި ޕްރިންސިޕަލް ޕޭމެންޓް އަދާ ކުރަން ޖެހެނީ 10 އަހަރު ފަހުން ކަމުން، އަހަރަކު ދެފަހަރު އަދާކުރަންޖެހޭ އިންޓްރެސްޓް ޕޭމެންޓްގެ އިތުރުން، ވަގުތުން އަންނަ ދަރަނީގެ ދަތިކަމެއް ނެތެވެ. މިފަދަ ގޮތަކަށް އިންޑިއާއިން އެހީ ފޯރުކޮށްދީފައިވާ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެއެވެ.

ކޮވިޑް19 ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، ދިވެހި ސިއްހީ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން މާޗު މަހުގައި އިންޑިއާ އިން ވަނީ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ޓީމެއް ރާއްޖެއަށް ފޮނުވާފައެވެ. އަދި އޭޕްރިލް މަހުގައި 5.5 ޓަނުގެ ބޭހުގެ ކޮންސައިންމެންޓްއެއް ވަނީ ފޯރުކޮށްދީފައެވެ. އޭގެ ފަހުން މެއި މަހުގެ ތެރޭގައި 580 ޓަނުގެ ކާބޯތަކެތީގެ އިތުރުން، 6.2 ޓަނުގެ ބޭހުގެ ޝިޕްމެންޓެއް އިންޑިއާގެ ހަތަރު ސިޓީއަކުން ވަނީ އިންޑިއަން އެއާ ފޯސް މެދުވެރިކޮށް ގެނެސްދެވިފައެވެ.

އިންޑިއާއިން ވަނީ އެކި ފަހަރު މަތިން އެކްސްޕޯޓް ރިސްޓްރިކްޝަން އުފުލާ، ދިވެހިރާއްޖެއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން ރެސްޕިރޭޓޮރީ އެޕެރޭޓސް އަދި ޓެސްޓިން ކިޓުތަކާއި ރިއެޖެންޓްތައް ފޯރުކޮށްދީފައިވެއެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ ވިޔަފާރީގެ ދަތިތަކާއި އެކުވެސް އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް ބޭނުންވާ ޒަރޫރީ ކޮމޯޑިޓީތަކުގެ ސަޕްލައި ދަމަހައްޓައިދީފައެވެ.

ފާއިތުވި ހަފްތާތަކުގެ ތެރޭގައި 8 ބެޗެއްގެ ގޮތުގައި 500 ދިވެހިން ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ދަތުރުކޮށްފައެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ދިވެހި ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޑިއާއިން ކުރު މުއްދަތުގެ ކޮންޓްރެކްޓް ތަކަށް ރެކްރޫޓުކޮށްފައިވާ ޑޮކްޓަރުންނާއި ނަރުހުން ދިވެހިރާއްޖެއަށް ފޮނުވޭނެއެވެ.

ހައި ކޮމިޝަނުން ބުނީ 250 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓުން ދައްކުވައިދެނީ އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައި ވާ ގާތް ގުޅުމުގެ ވަރުގަދަކަން ކަމަށެވެ. އަދި ކޮވިޑް19 ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ޕޮލިސީ އާއި ދިވެހިރާއްޖޭގެ 'އިންޑިއާ ފަސްޓް' ޕޮލިސީގެ ސަބަބުން ދެގައުމުގެ ރައްޔިތުންނަށްވެސް އެތައް ފައިދާތަކެއް ލިބިފައިވާ ކަމަށާއި މިއަދަކީ ދެގައުމުގެ މެދުގައިވާ ޒަމާންވީ ގުޅުމަށް އިތުރު ކުރިއެރުމެއް ގެނެސްދިން ދުވަހެއް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *