މާފުށި ޖަލުގައި މީހުންގެ ގަޔަށް ބަޑި ޖެހި ގޮތުގެ ހަގީގަތް ރައްޔިތުންނަށް ސާފުވާން ޖެހޭ: އެމްޑީޕީ

މާފުށި ޖަލުގައި 2003ވަނަ އަހަރު ހިނގި ބަޑި ޖެހުމުގެ ހާދިސާގެ ތެރެއިން -- ފޮޓޯ / ސަން

ދެހާސް ތިންވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހު މާފުށި ޖަލުގައި ހިނގާދިޔަ ބަޑި ޖެހުމުގެ ހާދިސާގައި އެތައް ގައިދީންތަކަކަށް ލިބުނު އަނިޔާއާ ގުޅޭ ގޮތުން އެތައް ކަމެއް އޮޅުން އަރާފައިވާ ކަމަށާއި އެކަމުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ބުނެފިއެވެ.

އެ ހާދިސާ ހިނގާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ ހާދިސާގެ ސަބަބުން އެތައް ރައްޔިތުންތަކެއް ވަނީ ރައީސް މައުމޫންގެ ވެރިކަމާއި ދެކޮޅަށް ނިކުމެ އިހުތިޖާޖު ވެސް ކޮށްފައެވެ.

އެދުވަހުގެ ހާދިސާގައި އީވާން ނަސީމްގެ ގަޔަށް ބަޑި ޖަހާ މަރާލިއިރު އެކަމާއި ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭރު މާފުށި ޖަލުގައި ހިނގާ ދިޔައީ ޖަރީމާ އެއް ކަމަށެވެ.

ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުން "ސިސްޓަމެޓިކް" ގޮތެއްގައި ރާއްޖޭގެ ޖަލުތަކުގައި ބޮޑެތި އަނިޔާތައް ދެމުން ދިޔަކަން ފާހަގަކޮށް އެމްޑީޕީ އިން ބުނެފައި ވަނީ، އެފަދަ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ވާހަކަތަކަކީ އޭރު ވެސް ތުންތުން މަތިން ދެކެވެމުން ގޮސްފައިވާ ވާހަކަތަކެއް ކަމަށާއި މާފުށި ޖަލުގައި ހިނގި އެ ހާދިސާ އަކީ އެކަމުގެ ހަގީގަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ގަބޫލުކުރެވޭ މިންވަރަށް ތިލަވެގެންދިއަ ޖަރީމާއެއް ކަމަށެވެ.

ރައީސް މައުމޫންގެ ސަރުކާރުގެ އެ އަނިޔާވެރި ޖަރީމާއަށް ފަހު ވެސް، ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ހަގީގަތް ހޯދިފައިނުވާ ކަމަށް އެމްޑީޕީން ބުންޏެވެ. އެގޮތުން ބަޑިޖަހާފައި ވަނީ ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށްވާ ނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވުމާއި، ބަޑިޖަހާފައި ވަނީ އޯޑަރުގެ މަތިން ނޫން ކަމަށްވާ ނަމަ ސިފައިންގެ ގާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަހުގީގެއް ހިންގާ އެކަމަށް ޝަރީއަތްކޮށްފައި ނުވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަމުގެ ހަގީގަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާން ޖެހިފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *