ފުލުހުންނާއި ސިފައިންނަށް ފްރަންޓުލައިން އެލަވަންސްގެ ގޮތުގައި 44 މިލިއަން ރުފިޔާ ދޫކޮށްފި

ކޮވިޑް19 އާ ގުޅިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހެދުމެއް އަޅައިގެން ހުރި ފުލުހެއް: ފޮޓޯ / ޕޮލިސް

ފްރަންޓުލައިން އެލަވަންސްގެ ގޮތުގައި ފުލުހުންނާއި ސިފައިންނަށް 44 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑް-19 އާއި ގުޅިގެން ދެވޭ ފުރަންޓްލައިން އެލަވަންސްގެ ގޮތުގައި އެމް.އެން.ޑީ.އެފާއި ޕޮލިހުގެ 6518 މުވައްޒަފުންނަށް 44.5 މިލިއަން ރުފިޔާ އިއްޔެ ޖަމާކޮށްދީފައިވާ ކަމަށެވެ.

އަދި މިހާތަނަށް ފުރަންޓްލައިން އެލަވަންސްގެ ގޮތުގައި 78 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށްވެސް ފިނޭންސުން ބުނެއެވެ.

މިދިޔަ މޭ މަހުގެ ހަތްވަނަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މި ބަލިމަޑުކަމާ ދެކޮޅަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަކަށް ބަހާލައިގެން "ފްރަންޓްލައިން" އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ފުރަތަމަ ގިންތިކަމަށްވާ ހައި ރިސްކު ކެޓަގަރީގައި ހިމެނޭނީ، ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުންފަދަ ކަންކަމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، އެފަދަ މީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އުޅޭ ފަރާތްތަކާއި، ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ އޮފިޝަލުން ފަދަ ފަރާތްތައް ކަމަށެވެ.

އަމީރު ވިދާޅުވި ގޮތިގައި، ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

ދެވަނަ ގިންތިކަމަށްވާ މީޑިއަމް ރިސްކު ކެޓަގަރީގައި ހިމެނޭނީ، ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުނުވި ނަމަވެސް، ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވާ އޮފިޝަލުންނާ އެކުގައި މަސައްކަތް ކުރާ ފަރާތްތަކެވެ. މީޑިއަމް ރިސްކު ކެޓެގަރީގައި ހިމެނޭ މުވައްޒަފުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. އަދި މި ދެ ކެޓަގަރީގައި ނުހިމެނޭ، ނަމަވެސް، ކޮވިޑް19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ ފަރާތްތަކަށް 200 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާކަމަށް އަމީރު ވަނީ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *