15 ދުވަހުގެ ތެރޭގައި ކަރަންޓީން ފެސިލިޓީއެއް އަޅަން ހަވާލުކުރީ އުސޫލުގެ ތެރެއިން: ފިނޭންސް

ގުޅީފަޅުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީ: ފޮޓޯ / މިހާރު

ކޮވިޑް19 އާއި ގުޅިގެން 15 ދުވަހުގެ ތެރޭގައި ކަރަންޓީން ފެސިލިޓީއެއް އަޅަން ހަވާލުކުރީ ބިޑު ކުރުމެއް ނެތި ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތައް ފިނޭންސް މިނިސްޓްރީން ރައްދު ދީފިއެވެ.

މި މަސައްކަތް ހަވާލު ކޮށްފައި ވަނީ މިދިޔަ މެއި މަހުގެ ހަތްވަނަ ދުވަހުއެވެ. މަސައްކަތް ހަވާލު ކޮށްފައި ވަނީ ރާއްޖޭގައި މިހާރަކަށް އައިސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓު ލިމިޓެޑުންނެވެ.

އެ ކުންފުންޏަށް މަސައްކަތް ހަވާލު ކޮށްފައި ވަނީ 9 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 15 ދުވަހެވެ. ނަމަވެސް މި މަސައްކަތަކާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އެކި ގޮތަށް ވާހަކަތައް ދެކެވުނެވެ. އެގޮތުން އެ މަސައްކަތް 15 ދުވަހުގެ ތެރޭގައި އަޅަން ހަވާލު ކުރުމުން ވެސް ވަނީ ސުވާލުތައް އުފައްދާފައެވެ. އަދި 15 ދުވަހުގެ ތެރޭގައި ކަރަންޓީން ފެސިލިޓީއެއް އިމާރާތްކޮށް ނުނިމޭނެ ކަމަށް ބުނެވެސް ފާޑު ކިޔުންތައް އަމާޒުވިއެވެ.

ބިޑުނުކޮށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށްބުނެ ދެކެވެމުން ދިޔަ ވާހަކަތަކާއި ގުޅޭ ގޮތުން "ހަތާވީސް" އަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތަކީ ސިންގަލް ސޯސް ޕްރޮކިއުމަންޓު އުސޫލުގެ ތެރެއިން ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

ކޮވިޑާ ގުޅިގެން ފިނޭންސް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތްތަކާއި ގުޅޭ ގޮތުން ދާދިފަހުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އެއްވެސް މަސައްކަތެއް ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ހަވާލުކޮށްފައި ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށްވެސް އެއްވެސް މަސައްކަތެއް ހަވާލުކޮށްފައި ނުވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *