ރާއްޖެ އަންނަ ބޭރުގެ ފްލައިޓުތައް އިތުރުވާން ފަށައިފި

ވެލާނާ އެއާޕޯޓުގައި ފްލައިޓުތަކެއް ޕާކު ކޮށްފައި -- ފޮޓޯ / އެމްއޭސީއެލް

ކޮވިޑް19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި މަހަށްވުރެ ރާއްޖެ އަށް އަންނަ ބޭރުގެ ފްލައިޓުތައް އިތުރުވާން ފަށައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހު ބޯޓަރު ހުޅުވާޅި ފަހުން މިދިޔަ މަހުގެ 16ވަނަ ދުވަހާއި ހަމައަށް ރާއްޖެ އަށް 419 ފްލައިޓު ޖައްސާފައިވެއެވެ. ފުރަތަމަ މަހު ރާއްޖެއަށް އެތެރެވެފައި ވަނީ 7،607 މީހުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 16ވަނަ ދުވަހުން ފެށިގެން މި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަދި ރާއްޖެ އައިސްފައިވާ ފްލައިޓުތަކުގެ އަދަދުވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން މިދިޔަ މަހުގެ 16ވަނަ ދުވަހުން މިމަހުގެ 15ވަނަ ދުވަހާ ހަމައަށް 441 ފްލައިޓު ރާއްޖެ އަށް އައިސްފައިވާއިރު 12،883 މީހަކު ރާއްޖެ އަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ބޯޑަރު ހުޅުވާލި މަހު 9،241 މީހަކު ރާއްޖެއިން ފުރާފައިވާއިރު މިދިޔަ މަހުގެ 16އިން މި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް 14،984 މީހަކު ރާއްޖެއިން ފުރާފައިވާ ކަމަށް އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކައެވެ.

Leave a Reply

Your email address will not be published. Required fields are marked *