ބަރަހަނާ ވެބްސައިޓުތައް ބަންދުކުރަން ހުތުބާގައި ގޮވާލައިފި

މީހަކު ލެޕްޓޮޕް ކައިރީގައި -- މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބަރަހަނާ ވެބްސައިޓުތައް ބަންދުކުރަން ގޮވާލާފައި

ބަރަހަނާ މަންޒަރުތައް ފެންނަ ވެބްސައިޓުތައް އިންޓަނެޓުން ބަންދު ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

އިންޓަނެޓުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިންނަށް ދަސްކޮށްދިނުމުގެ މައުޟޫގެ ދަށުން މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބަރަހަނާ މަންޒަރުތައް އެކުލެވޭ ވެބްސައިޓުތަކަށާއި، އިސްލާމްދީނާ ހިލާފު ވާހަކަތަކާއި ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުމަށް ހިތްވަރުދޭ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމަކީ އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތަކުގެ ވެރިންނާއި ހިއްސާދާރުންގެ ޒިންމާއެއް ކަމަށެވެ.

"އެހެންކަމުން، އެފަދަ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްދެއްވުމަށް މިމިންބަރު މަތިން ގޮވާލަމެވެ. ﷲ ތަޢާލާ ތިޔަބޭފުޅުންގެ ވިޔަފާރީގައި ބަރަކާތްލައްވާށިއެވެ،" ހުތުބާގައިވެއެވެ.

ހެޔޮ، ޒިންމާދާރު ޑިޖިޓަލް ރައްޔިތެއްގެ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނާއެކު އިންފޮމޭޝަން ޓެކްނޮލަޖީ (އައިޓީ) ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޒިންމާވެސް އެކުލެވިގެންވާ ކަމަށް ހުތުބާގައިވެއެވެ.

މިޒަމާނަުގައި އިންޓަނެޓަކީ އެމީހެއްގެ ދިރިއުޅުމުގައި މުހިއްމު ދައުރެއް އަދާ ކުރާ އެއްޗަކަށް ވެފައިވާއިރު ހުތުބާގައި ވަނީ އިންޓަނެޓުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިފި ނަމަ އެއީ ބޮޑު ނިއުމަތެއް ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ ނިއުމަތުގެ ބޭނުންވެސް ނަހަމަ ގޮތުގައި ހިފާ ފަރާތްތައް އުޅޭކަން ވަނީ ފާހަގަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *