މެންބަރު ހުސައިންގެ ތައުބީނު ޖަލްސާއެއް މިރޭ، ރައީސް ސޯލިހުވެސް ބައިވެރިވަޑައިގަންނަވާ

މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު: ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު އަވަހާރަވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބާއްވާ ތައުބީނު ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

އެ ޖަލްސާ އޮންނާނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ. ޖުމްހޫރީ ޕާޓީ އިން ބުނީ އެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ހުސައިން އަވަހާރަވީ މި މަހުގެ ތިންވަނަ ދުވަހުގެރޭގެ ދަންވަރުގެ ވަގުތެެއްގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ހުސައިން މުހައްމަދު އާއްމު ނަމުންނަ ނަމަ ހުސައިބެ ވަނީ 16ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން 18ވަނަ ރައްޔިތުން މަޖިލީހުގެ ނިޔަލަށް އެކު ޖުމްލަ ތިން ދައުރެއް މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވާ މަތިވެރި ދާއިރާގެ ރައްޔިތުން ތަމްސީލު ކޮށްދެއްވާފައެވެ.

މީގެއިތުރުންވެސް ހުސެންބެއަކީ މީޑިއާގެ ދާއިރާގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އާފަތިސް ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، ހުސެއިން މުހައްމަދު ވަނީ ޕަބްލިކު ސާވިސް މީޑިއާގައިވެސް ހިދުމަތް ކުރައްވާފައެވެ.

ޓީވީއެމްގެ ޑިރެކްޓަރު ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރުކަން އަދި ޓީވީއެމްގެ ޑެޕިއުޓީ ޑިރެކްޓަރުކަން އަދި ޑިރެކްޓާ އޮފް ޕްރޮގްރާމްސްގެ މަގާމުވެސް ހުސައިން މުހައްމަދު ވަނީ އަދާ ކުރައްވާފައެވެ.

ހުސައިންބެ މީގެކުރިން ރާއްޖޭގެ ނޫސްވެރިއެއް ވެސްމެއެވެ. ހާއްސަކޮށް އެމަނިކުފާނު ފާހަގަވެގެން ގޮސްފައި ވަނީ ބޭރުގެ ހަބަރުތަކާއި ބޭރުގެ ކުޅިވަރުތައް ގެނެސްދޭ ލިޔުންތެރިއެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *