ޕްރިންސިޕަލުންގެ އުސޫލަށް އަމަލުކުރުން ފަސް ކުރުމަށް ނިންމައިފި

ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްތްރީ

އެއް ސްކޫލެއްގައި ވިދިވިދިގެން ޕްރިންސިލަޕްކަން ކުރެވޭނީ ގިނަވެގެން އަށް އަހަރަށް ކަމަށް ބުން އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ޕްރިންސިޕަލުންގެ ވަޒީފާ އާއި ބެހޭ އުސޫލަށް އަމަލު ކުރަން ފަސް ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނީ ޕްރިންސިޕަލުންގެ އުސޫލާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް އެޑިއުކޭޝަން މިނިސްޓްރީ އަށް ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެކަމާއި އެޑިއުކޭޝަން މިނިސްޓްރީއާ ކަމާ ގުޅުންހުރި އިދާރާތަކުން މަޝްވަރާކޮށް އުސޫލު އިތުރަށް ހަރުދަނާ ކުރަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން މިހާރު އާއްމުކޮށްފައިވާ އުސޫލަށް އަމަލު ކުރަން ފަސް ކުރުމަށް ނިންމާފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.

އެ އުސޫލުގައި ބުނީ ޕްރިންސިޕަލުންގެ ވަޒީފާ އާ ބެހޭ އުސޫލެއް ކަނޑައެޅީ ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކޮށް ސްކޫލުތަކަށް އެންމެ ގަބިލު، އެކަށީގެންވާ ޕްރިންސިޕަލުން އައްޔަނު ކުރުމަށާއި ދިގު މުއްދަތަކަށް އެސް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދައި، އާ ހިޔާލުތަކާ ވިސްނުންތަކަށް ބިނާކޮށް ސްކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުން ކަމަށެވެ.

ޕްރިންސިޕަލުންގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމަކަށް ވާއިރު، ޕްރިންސިޕަލުން ހޯދުމަށް އިއުލާނު ކުރަނީ ސިވިލް ސާވިސްގެ އެހެން ވަޒީފާތަކަށް މީހުން ހޯދުމަށް އިއުލާނު ކުރާ އުސޫލުންނެވެ.

ސިވިލް ސާވިސްގެ އުސޫލުގައި ބުނާގޮތުން ޕްރިންސިޕަލުންގެ މަގާމަށް ހޮވާ ފަރަތެއް ކަނޑައާޅާނީ ތައުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވާ އުސޫލަށް ބަލައިގެންނެވެ. އަދި މި މަގަމަކީ ދާއިމީ ގިންތީގައި ހިމެނޭ މަގާމަކަށް ވާތީ، ޕްރިންސިޕަލުންގެ ގޮތުގައި ހޮވާ ފަރާތްތަކާމެދު އަމަލު ކުރާނީ ސިވިލް ސާވިސްގެ ދާއިމީ މުވައްޒަފުންނާމެދު އަމަލު ކުރާ އުސޫލުން ކަމަށް ބުނެފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *