ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި ކޮވިޑް ފެސިލިޓީ އެޅި ނަމަވެސް ދައުލަތަށް ގެއްލުމެއް ނުވާނެ: އެންޑީއެމްއޭ

ހުޅުމާލެ މެޑިކަލް ފެސިލިޓީ ---

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކޮވިޑް19 މެޑިކަލް ފެސިލިޓީ ގާއިމް ކޮށްފައިވާ ބިމަކީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއް ނަމަވެސް އެކަމުގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ކޮވިޑް19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމިއެވެ. ނަމަވެސް ހުޅުމާލެގައި ގާއިމްކުރި ވަގުތީ މެޑިކަލް ފެސިލިޓީ ގާއިމް ކޮށްފައި ވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި ކަމަށް ކޮވިޑް19 އާއި ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އެންޑީއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ އެތަނުގައި އެ ފެސިލިޓީ ގާއިމް ކޮށްފައި ވަނީ މައިގަނޑު ފަސް ސަބަބެއް އޮވެގެން ކަމަށެވެ. އެގޮތުން އެތަނަކީ ޖާގައިގެ ގޮތުން އެފަދަ ތަނެއް އެޅުމަކަށް އެންމެ އެކަށީގެންވާ ތަނެއް ކަމަށް ވުމުންނާއި އެތަނަކީ ކޮވިޑް19 ހޮސްޕިޓަލެއްގެ ގޮތުގައި ކަނޑައެޅި ޓްރީޓޮޕް އާއި އިންވެގެން ހުރި ތަނަކަށްވުމުން ކަމަށެވެ. އަދި އެ އިމާރާތުގެ ބޮޑު ބައެއްގެ މަސައްކަތް ނިމިފައި ހުރުމަކީ ވެސް އެތަން ބޭނުން ކުރި ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޑީއެމްއޭގެ އޮޑިޓުގައި ބުނެފައިވާ ގޮތުގައި ކޮވިޑް19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން، ހުޅުމާލެގައި ވަގުތީ މެޑިކަލް ފެސިލިޓީއެއް ހެދުމަށް 29 މާރިޗުު 2020 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ދެމެދު ވެފައިވާ "ހޭންޑް އޯވާ އެއްބަސްވުމުގެ ދަށުން، ހުޅުމާލޭއިން ޖުމްލަ ސާޅީސް ދެހާސް ހަތްދިހަ އެއް އަކަ ފޫޓުގެ ބިމާއި އެބިމުގައިވާ އިމާރާތްތައް އެންޑީއެމްއޭ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ ހުރި އިމާރާތްތަކާއި ބިމަކީ، އަމިއްލަ ފަރާތަކަށް، 2012 ވަނަ އަހަރު، މޮރިޝަސް ކޮމާޝަލް ބޭންކް މޯލްޑިވްސް އިން ދޫކޮށްފައިވާ، ހަތަރު މިލިއަން ތިން ސަތޭކަ ފަނަރަ ހާސް އެއް ސަތޭކަ ފަންސާސް ތިނެއް އެމެރިކާ ޑޮލަރުގެ ލޯނަކަށް ރަހުނު ކޮށްފައިވާ ތަނެއް ކަމަށް އޮޑިޓު ރިޕޯޓުގައިވެއެވެ. އަދި ލޯނު ނެގިފަރާތުން ގަވާއިދުން އަނބުރާ ލޯނު ނުދެއްކުމުގެ ސަބަބުން، އެ ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ ތަންތަން ވިއްކާލުމުގެ ހައްގު މޮރިޝަސް ކޮމާޝަލް ބޭންކަށް ސިވިލް ކޯޓު 2016ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރި ހުކުމެއްގައި ބަޔާންކޮށްފައިވާ ކަމަށް އޮޑިޓުގައިވެއެވެ.

އެ ބިމުގައި މެޑިކަލް ފެސިލިޓީ ގާއިމު ކުރުމަށް ނިމްމުމާ ގުޅިގެން އެޗްޑީސީ އާއި މޮރިޝަސް ކޮމާޝަލް ބޭންކާ ދެމެދު 24 މާރޗު 2020 ގައި ހޭންޑް އޯވާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި އެގޮތުން އެ އެއްބަސްވުމުގައި، އެތަނުގައި ހަދާފައިހުރި ކޮންކްރީޓު ސްޓްރަކްޗާ އަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށާއި، އިތުރު އެހެންު އެއްވެސް ބަދަލެއް ތަނަށް ގެނެސްފައިވާނަ އެ ބަދަލުތައް އެނގޭނެހެން ލިޔެކިޔުން ބަލަހައްޓަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެއްބަސްވުމުގެ މުއްދަތަކީ ތިން މަސް ދުވަސް ކަމަށާއި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދެފަރާތުން އިތުރު އެއްބަސްވުމަކަށް އަންނަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޮޑިޓުގައިވެއެވެ. މިތަން ހެދުމަށް ދައުލަތުން 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ޑިޒާސްޓާ އިން ބުނި ގޮތުގައި ދައުލަތުގެ މިލްކިއްޔާތުގައި ނެތް ބިމެއްގައި ކޮވިޑް ފެސިލިޓީ ހުރުމުން ދައުލަތަށް ގެއްލުމެއް ނެތް ކަމަށެވެ. އަދި އެ ބިމަށް ދައުލަތުން އެއްވެސް ކުއްޔެއް ވެސް ދައްކަން ނުޖެހޭނެ ކަމަށް ޑިޒާސްޓާ އިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *