މި ސަރުކާރުގެ ވަޒީރެއްގެ ވާހަކަ ދައްކަނީ ވެރިކަން ބޭނުންވެގެނެއް ނޫން: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުގެ ބޭފުޅެއްގެ ވާހަކަ ދައްކަވަނީ އެއްވެސް ހާލަތެއްގައި ވެރިކަން ބޭނުންވެގެން ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ނެރޭ "ހަބަރު ސިޓީ"ގައި ރައީސް ނަޝީދު ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވީ ދެން ދުވަހަކު ވެސް ރާއްޖޭގެ ރައީސްކަން ބޭނުންނުވާ ކަމަށެވެ. ނަޝީދު ވިދާޅުވީ މިހާރު އުފެދިފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށާއި މި ސަރުކާރަށް ކުޑަވެސް ހީނަރުކަނެއް އައުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމްޑީޕީން އެމަނިކުފާނަށް ދެއްވާފައިވާ އެންމެ ބޮޑު މަގާމަކީ ފެންނަ ގޮތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ކަމަށާއި އެގޮތުން ރައީސްގެ ވަޒީރަކާ ގުޅޭގޮތުން ނުރުހުން ފާޅުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސްގެ މިނިސްޓަރަކާ ގުޅޭގޮތުން ނުރުހުން އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުންމީދަކާއި އެކުއެއް ނޫނެވެ. އަޅުގަނޑަކު ދެނަކު ރާއްޖޭގެ ރައީސް ކަމެއް ކުރުމަކަށް ނުއެދެމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ވެރިކަން ކޮށްދިނުމަށެވެ." ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާ މައިގަނޑު ދެކަމަކީ ޖަލުގެ އަނިޔާ އާއި ކޮރަޕްޝަން ހުއްޓުވުން ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ  2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޖަލުތަކުގައި ސީދާ ކުރާ އަނިޔާތައް މަދުވެއްޖެ ކަމަށެވެ. އެ މަސައްކަތަކީ އެމްޑީޕީގެ މަސައްކަތެއްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮރަޕްޝަން މަދުކުރުމަށް 2008 ވަނަ އަހަރު ގާނޫނުއަސާސީއަށް ގިނަ ސިފަތަކެއް ގެނެވުނު ނަމަވެސް، އެކަން ދިވެހިން އެދޭ މިންވަރަށް މަދުކުރެވިފައި އޮތްކަމަށް ދެކެން މިއަދުވެސް ދަތި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި، މި ސަރުކާރަށް ކުޑަވެސް ހީނަރުކަމެއް އައުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އަދި އެމްޑީޕީ އަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށްދެވެން އޮތް ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *