ުހުޅުމާލެ މެޑިކަލް ފެސިލިޓީ ގާއިމްކޮށްފައި ވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި: އޮޑިޓް

ހުޅުމާލެ މެޑިކަލް ފެސިލިޓީ ---

ކޮވިޑް19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، ހުޅުމާލެގައި ގާއިމްކުރި ވަގުތީ މެޑިކަލް ފެސިލިޓީ ގާއިމް ކޮށްފައި ވަނީ ދައުލަތުގެ މިލްކުވެރިކަން ނެތް ބިމެއްގައި ކަމަށް ކޮވިޑް19 އާއި ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ހާމަކޮށްފިއެވެ.

އެންޑީއެމްއޭގެ އޮޑިޓުގައި ބުނެފައިވާ ގޮތުގައި ކޮވިޑް19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން، ހުޅުމާލެގައި ވަގުތީ މެޑިކަލް ފެސިލިޓީއެއް ހެދުމަށް 29 މާރިޗުު 2020 ގައި ހައުސިން ޑިވެލޮޕްމަންޓް
ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ދެމެދު ވެފައިވާ "ހޭންޑް އޯވާ އެއްބަސްވުމުގެ ދަށުން، ހުޅުމާލޭއިން ޖުމްލަ ސާޅީސް ދެހާސް ހަތްދިހަ އެއް އަކަ ފޫޓުގެ ބިމާއި އެބިމުގައިވާ އިމާރާތްތައް އެންޑީއެމްއޭ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ ހުރި އިމާރާތްތަކާއި ބިމަކީ، އަމިއްލަ ފަރާތަކަށް، 2012 ވަނަ އަހަރު، މޮރިޝަސް ކޮމާޝަލް ބޭންކް މޯލްޑިވްސް އިން ދޫކޮށްފައިވާ، ހަތަރު މިލިއަން ތިން ސަތޭކަ ފަނަރަ ހާސް އެއް ސަތޭކަ ފަންސާސް ތިނެއް އެމެރިކާ ޑޮލަރުގެ ލޯނަކަށް ރަހުނު ކޮށްފައިވާ ތަނެއް ކަމަށް އޮޑިޓު ރިޕޯޓުގައިވެއެވެ. އަދި ލޯނު ނެގިފަރާތުން ގަވާއިދުން އަނބުރާ ލޯނު ނުދެއްކުމުގެ ސަބަބުން، އެ ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ ތަންތަން ވިއްކާލުމުގެ ހައްގު މޮރިޝަސް ކޮމާޝަލް ބޭންކަށް ސިވިލް ކޯޓު 2016ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރި ހުކުމެއްގައި ބަޔާންކޮށްފައިވާ ކަމަށް އޮޑިޓުގައިވެއެވެ.

އެ ބިމުގައި މެޑިކަލް ފެސިލިޓީ ގާއިމު ކުރުމަށް ނިމްމުމާ ގުޅިގެން އެޗްޑީސީ އާއި މޮރިޝަސް ކޮމާޝަލް ބޭންކާ ދެމެދު 24 މާރޗު 2020 ގައި ހޭންޑް އޯވާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި އެގޮތުން އެ އެއްބަސްވުމުގައި، އެތަނުގައި ހަދާފައިހުރި ކޮންކްރީޓު ސްޓްރަކްޗާ އަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށާއި، އިތުރު އެހެންު އެއްވެސް ބަދަލެއް ތަނަށް ގެނެސްފައިވާނަ އެ ބަދަލުތައް އެނގޭނެހެން ލިޔެކިޔުން ބަލަހައްޓަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެއްބަސްވުމުގެ މުއްދަތަކީ ތިން މަސް ދުވަސް ކަމަށާއި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކުރަން
ޖެހިއްޖެ ހާލަތެއްގައި ދެފަރާތުން އިތުރު އެއްބަސްވުމަކަށް އަންނަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޮޑިޓުގައިވެއެވެ. މިތަން ހެދުމަށް ދައުލަތުން 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *