މި ސަރުކާރު އިހްލާސްތެރި، ތަހުގީގަށް މިދަނީ އެއްބާރުލުން ދެމުން: އަދީބު

ހައިކޯޓުގައި ބޭއްވި ޝަރީއަތުގައި އަދީބު ވާހަކަދައްކަވަނީ ---

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިހުލާސްތެރިކަން އެބައޮތް ކަމަށާއި އެހެންކަމުން ދައުލަތަށް އެކަމުގައި ދޭންޖެހޭ އެހީތެރިކަން ދެއްވާނަން ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން އެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގައި އަދީބު ވަނީ އޭނާ އަށް ވަކީލަކު އައްޔަން ކުރުމަށް ހައިކޯޓުން ދިން ފުރުސަތު ދޫކޮށްލުމަށްފަހު އެ މައްސަލާގައި ވަކީލަކާއި ނުލާ ކުރިޔަށް ދިއުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

"ވަކީލާ ބައްދަލުވެ މި ޑޮކިއުމަންޓުތަކާއިއެކު މަޝްވަރާކޮށް އަޅުގަނޑުމެންނަށް ވެސް ގޮތެއް ނިންމުނީމަ އަޅުގަނޑު ސިޓީއެއް ފޮނުވީ ހައިކޯޓަށް ވަކީލު ފުރުސަތު ދޫކޮށްލާފައި އަޅުގަނޑު މި މައްސަލަ ކުރިޔަށް ގެންދަން،" އަދީބު ވިދާޅުވިއެވެ.

އަދީބު ވަނީ އެމްއެމްޕީއާރްސީ މައްސަލައަކީ މައުޟޫއީ ގޮތެއްގައި ކުރިޔަށް ގެންދަން ޖެހޭ މައްސަލައެއް ކަމަށް ހުދު އޭނާ ވެސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެ މައްސަލާގައި އޭރުވެސް މިހާރުވެސް ދައުލަތަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އަޅުގަނޑުގެ އެއްބާރުލުމަކަށް ބަދަލެއް ނާދޭ. އެކަން ދައުލަތަށް ވެސް އެނގޭނެ. ހުކުމް ކުރުމުގެ ކުރިން ވެސް އަދި ފަހުން ވެސް އަޅުގަނޑު މިދަނީ އެއްބާރުލުން ދެމުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ސޯލިހުގެ މި ސަރުކާރުގައި އެބައޮތް އެ އިހުލާސްތެރިކަމާއި ގާބިލުކަން އިންސާފުވެރިކަމާއި އެކުގައި މި މައްސަލަ ބަލާ ނިންމުމުގައި. އެހެންވީމަ އަޅުގަނޑުގެ އެއްބާރުލުން ދެމުން މިދަނީ،" އަދީބު ވިދާޅުވިއެވެ.

އަދީބު ވަނީ އެމްއެމްޕީއާރްސީ ފައިސާއަކީ އަނބުރާ ހޯދަންޖެހޭ އަދި ހޯދޭނެ ފައިސާއެއް ކަމަށް ވިދާޅުވެފައެވެ. މިކަމުގައި އިންސާފު ގާއިމް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލާގައި މަންފާވި އެތައް ބަޔަކު އެބަތިބި ކަމަށް އަދީބު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *