މި ހާލަތުގައިވެސް މަސައްކަތް ކުރަނީ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 ގެ ނުރައްކާތެރި މި ހާލަތުގައި ވެސް މަސައްކަތް ކުރަނީ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ފޮނުއްވި ހިތާބުގައި ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ގައުމަށް ކުރިމަތިވެފައިވާ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ހާލަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކޮންމެ ފަރުދަކަށް ލިބިދީފައިވާ ފުރިހަމަ ސިއްހަތެއްގައި ދިރިހުރުމުގެ ހައްގަށް އުނިކަމެއް އަޔަނުދީ، އެ ހައްގު ރައްކާތެރިކޮށްދެއްވުން ކަމަށެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގުސަދަކީ ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮތްކަން ކަށަވަރުކުރުމާއި، އެކަމަށް މަގު ފަހިކޮށްދިނުމާއެކު ދައުލަތް ހިންގުމުގެ ކަންކަން، ނަޒާހަތްތެރިކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒިންމާދާރުކަމާއެކު ކުރަމުން ގެންދިއުމަށް ބާރުއެޅުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި އަހަރުގެ ޑިމޮކުރަސީ ދުވަސް ފާހަގަކުރާ މި ދުވަސްވަރަކީ ކޮވިޑް19 ގެ ބަލިމަޑުކަމާއި ގުޅިގެން ގައުމުތަކުގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސޯދީ ހަރަކާތްތައް ހުއްޓިފައިވާ ދުވަސްވަރެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި، މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ މި ދަނޑިވަޅުގައި، ޑިމޮކުރަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ދައުލަތުގެ ހުރިހާ ގުނަންތައް އެކުގައި މަސައްކަތްކުރުމަށާއި، ފަރުދީ ފެންވަރުގައާއި ޖަމާއަތުގެ ފެންވަރުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *