އިންޑިއާ-ރާއްޖެ ގުޅުން ގަބޫލުކުރަން ދަތިވަނީ ތަރައްގީގެ މަޝްރޫއުތައް ހަޖަމް ނުވާ ފަރާތްތައް: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު -- ފޮޓޯ / ފޮރިން މިނިސްޓްރީ

އަވަށްޓެރި އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ގަބޫލުކުރަން ދަތިވާ ފަރާތްތަކަކީ އެގައުމާއި ގުޅިގެން ރާއްޖެއަށް ގެންނަމުން ގެންދާ ތަރައްގީގެ މަޝްރޫއުތައް ހަޖަމް ނުވާ ފަރާތްތައް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކޮޅުފުށީގައި އިންޑިއާ ސަރުކާރުގެ އެހީގައި މަގު ބައްތި ޖަހާ ނިންމާލުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ އޮތް ގުުޅުމަކީ ހާއްސަ ގުޅުމެއް. ކަމަށެވެ.

އެ ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގަ އޮތް ގުޅުމެއް ކަމަށާއި އެ ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ ހިތާ ހިތާ ގުޅިފައި އޮތް ގުޅުމެއް ކަމަށެވެ. އެކަން ގިނަ ދިވެހިން ގަބޫލުކުރާ ކަމަށާއި ނަމަވެސް އެކަން ގަބޫލު ނުކުރެވިގެން އުޅޭ ބަޔަކީ މިސަރުކާރުން ހިންގާ ތަރައްގީގެ މަޝަރޫއުތަކަށް، އެތަންތަން ފެނި އެކަމަށް ހިތްދަތިވާ ފަރާތްތައް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެކަން މިއަދުގެ ޒަމާނީ އިބާރާތުން ދަންނަވާކަމަށްވަންޏާ، ހަޖަމް ނުކުރެވޭ ފަރާތްތައް. އަޅުގަނޑުމެން އެފަރާތްތަކުން ދައްކާ ވާހަކައަކަށް ބަލާކަށް ނުތިބޭނަން. އަޅުގަނޑުމެން ކުރާނީ، މި ސަރުކާރުން ކުރަމުން ގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތައް. ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށް ކުރަންޖެހޭ ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން. އަކުމުގައި އަޅުގަނޑުމެން ފަސް ނުޖެހޭނަން. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާކަމެއް އިރާދަކުރެއްވިއްޔާ، މިއަދުގެ ސަރުކާރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮށްދޭނަން،" ޝާހިދު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ބަލައިލުމުން ފެނިގެން ދާނެ ކަމަށާއި  ކޮންމެ ރަށެއްގައި، ކޮންމެ އަތޮޅެއްގައި ހިނގަމުންދާ ޕްރޮޖެކްޓްތައް ރައްޔިތުންގެ ކުރިމަތީގައި ނިމެމުން ފެށެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުދި ޕްރޮޖެކްޓްތައް، އެއީ މަގު ބައްތިޖެހުންކަމުގައި ވިއަސް، ބަނދަރު ހެދުން، ސްކޫލް އެޅުން، ފެނާއި ނަރުދަމާގެ މަސައްކަތް، މިހިރަ ކަންތައްތައް އެހެރަދަނީ ހިނގަމުން. މެދު ނުކެނޑި ހިނގަމުން. މުޅި ދުނިޔެ ކޮވިޑްގެ ނުރައްކާތެރި ވަބާގައި އޮތްއިރުވެސް އެއްވެސް މަޝްރޫއަކަށް މަޑުޖެހިލުމެއްނެތި ކުރިއަށް އެހެރަދަނީ ވަރަށް ހަލުއި ސްޕީޑެއްގައި. އަދި ބޮޑެތި ޕްރޮޖެކްޓްތައް އަންނަނީ ތައްޔާރުވަމުން. ނަގާ ބޮޑުކުރަމުން އަންނަނީ. އެންމެ ދެކުނުގައި އައްޑޫ އަތޮޅުގެ މަގުތައް އައްޑޫ އަތޮޅުގެ ތަރައްގީއަށް އަމާޒު ކުރައްވާފައިވާ ހާއްސަ މަޝްރޫއު، އިރާދަކުރެއްވިއްޔާ ލަހެއްނުވެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ގޮތުގައި އޮތް، މާލެއާ ވިލިނގިއްޔާ ތިލަފުއްޓާ ގުޅާލެވިގެންދާ ރާއްޖޭގައި ހިނގޭ އެންމެ ބޮޑުއެއް މަޝްރޫއު މިހާރުނަގާ ބޮޑުކޮށްފަވަނީ، އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް ލަހެއްނުވެ ފެށިގެންދާނެ" ޝާހިދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކެންސަރުގެ ބައްޔަށް ބޭސްކުރާ ފަރާތްތަކުން އުފުލަމުން ގެންދާ ހިތްދަތިކަމަށް ހައްލެއްގެނައުމުގެ ގޮތުން، ހުޅުމާލޭގައި ކެންސަރަށް ހާއްސަ ކޮށްގެން އަޅާ ހޮސްޕިޓަލެއްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ޝާހިދު ވަނީ ބޮޑެތި މަޝްރޫއުތަކާއި އަދި ކުދި މަޝްރޫއުތަކަށް އިންޑިއާގެ ސަރުކާރުން ދެއްވާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑު ވަޒީރަށާއި، އިންޑިއާ ސަރުކާރުގެ ވެރީންނަށް، ހާއްސަގޮތެއްގައި ހާރިޖީ ވަޒީރު، ޑރ. ޖައެޝަންކަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވާފައެވެ.

މިއަދު ކޮޅުފުއްޓައް ލިބިގެންމިދާ ވަރުގަދަ އަލިކަމަކީ، ސީދާ ރައީސް ސޯލިހުގެ ބެއްލެވުމުގެ ދަށުން ނިންމަވާ ހިންގެވުމަށް އަންގަވާފައިވާ މަޝްރޫއެއް ކަމެއް މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *