މާލެއިން ތިންހާސް އަކަފޫޓުގެ ގޯއްޗެއް 9 މިލިއަނަށް ގާސިމްގެ ދެބޭފުޅުން ބައްލަވައިގެންފި

ސިޔާދު ގާސިމް --

ތިންހާސް އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ދެބޭފުޅުން ކަމަށް ސިޔާދު ގާސިމްއާ މަރިޔަމް ސަމާ ބައްލަވައިގެންފިއެވެ.

އެ ދެ ބޭފުޅުން ބައްލަވައިގެންފައި ވަނީ  މއ. ކަޝިޝް ނަމަކަށް ކިޔާ ގޯއްޗެކެވެ. އެ ގޯތީގެ ވެރި ފަރާތަކީ ކުރިން އައިޝަތު އަނީސް ކަމަށްވީ ނަމަވެސް އޭނާގެ ނަމުގައިވާ ކަޝިޝް ކިޔާ 3،216 އަކަފޫޓުގެ އަމިއްލަ ގޯތީގައިވާ އެންމެހާ އިމާރާތްތަކާއި ނުއުފުލޭ މުދާތަކާއި އަމިއްލަ ބިމުގެ މިލްކުވެރިކަން 9.65 މިލިއަން ރުފިޔާއަށް ގަނެފައިވާތީ އެ ގޯތީގެ މިލްކުވެރި ފަރާތަކީ ސިޔާދާއި ސަމާ ކަމުގައި ކަނޑައަޅައި ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ގާސިމްގެ ދެބޭފުޅުން ގޯއްޗެއް ބައްލަވައިގެންނެވިއިރު މިދިޔަ އަހަރު ގާސިމް ވެސް ވަނީ މާލެއިން ގޯއްޗެއް ބައްލަވައިގެންފައެވެ. އެގޯތި ގާސިމް ބައްލަވައިގަތީ 12 މިލިއަން ރުފިޔާއެވެ.

ގާސިމްގެ މާލީ ބަޔާން ދާދިފަހުން މަޖިލީހުން އާއްމު ކުރެއްވިއިރު މިލްކިއްޔާތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އެބަހުރިކަން ވަނީ ހާމަވެފައެވެ. ގާސިމްގެ އާމްދަނީގެ ގޮތުގައި 11،492،638 ރުފިރާ ލިބިވަޑައިގެންފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ މަޖިލީހުގެ މެންބަރު ކަމުގެ މުސާރައިންނާއި ވިޔަފާރިތަކުން ލިބިވަޑައިގަންނަވާ އާމްދަނީގެ ގޮތުގައި 9،564،438 ރުފިޔާ އާއި މާފަންނު ވިލާ ގުދަން އަދި ފުޅޮއި ގަރާޖް ކުއްޔަށް ދީގެން 1،740،000 ރުފިޔާގެ އިތުރުން ގާސިމްގެ ހިއްސާ އޮންނަ އެކި ކުންފުނިތަކުގެ ފައިދާއިން ހިއްސާގެ ގޮތުގައި 188،200 ރުފިޔާއެވެ.

ގާސިމްގެ މިލްކިއްޔާތުގައި ހަތް ބިމެއް އޮތް ކަމަށް މާލީ ބަޔާނުން ދައްކާއިރު އޭގެތެރޭގައި ހިމެނެނީ މާމިގިލި އިންޖީނުގެއާއި، މ. މާފަންނުވިލާއާއި، މ. ބުރުމާވިލާއާއި، މ. ކުނޫޒްއާއި، ވިލާ ބިންޑިންއާއި، އިންޝޮޕްއާއި، ޒެރޮކްސްއާއި، މިޑްވޭ ޓްރޭޑާސްއާއި، ވިލާ ބިލްޑިން 4 އެވެ. މި ހަތް ބިމުގެ ޖުމުލަ އަގަކަށް 94،861،111 މިލިއަން ރުފިޔާ އަރައެވެ.

Leave a Reply

Your email address will not be published. Required fields are marked *