ޒުވާނުންގެ ސައިކަލު ބުރު، ގައިޑްލައިންއާ ހިލާފުވުމުން 41 މީހަކު ހައްޔަރުކޮށްފި

ޒުވާނުންތަކެއް މިއަދު ބޭއްވި ސައިކަލު ބުރުގެ ތެރެއިން ---

މިއަދު މާލޭގައި ޒުވާނުންތަކެއް އިސް ނަގައިގެން ބޭއްވި ސައިކަލު ބުރުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފުވުމުން 41 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުމާ ގުޅިގެން 41 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރަސްފަންނު ސަރަހައްދުން ފެށުމަށް ހަމަޖެއްސި ސައިކަލު ބުރު ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ. އަދި ސައިކަލު ބުރު ކުރިޔަށް ގެންދާ ނަމަ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.

ފުލުހުން މީހުން ހައްޔަރު ކުރަން ފެށީ ތަކުރާރުކޮށް އިންޒާރުތައް ދިނުމަށްފަހުއެވެ. މިއަދުގެ ސައިކަލު ބުރަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން އިންތިޒާމު ކުރި ސައިކަލު ބުރެއް ނޫނެވެ. ނަމަވެސް އެ ކޯލިޝަންގެ އިސްވެރިން ބައިވެރިވާނެ ކަމަށް މީގެކުރިން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *