ސިޔާސީ ނުހަމަ ނުފޫޒު ވަޒީރުންނަށް ނަޝީދު ފޯރުވާ ކަމަކަށް ނުދެކެން: ހަސަން

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު  އެމްޑީޕީގެ  ރައީސް  މުހައްމަދު  ނަޝީދު  ފޯރުވާ  ކަމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިއު ޝުއައިބު އަލީ ވިދާޅުވި  ނަމަވެސް  އެކަން  އެޕާޓީގެ  ޗެއާ  ޕާސަން  ދޮގުކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއާ ޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ފޮނުވި ސިޓީއެއްގައި ޝުއައިބު ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގެ ފަސް ވަަނަ ބާބުގައި ވަޒީރަކު އަދާކުރަން ޖެހޭ ވާޖިބުތަކާއި ޖަވާބުދާރީ ކުރުވަން ޖެހޭ ގޮތް ބަޔާން ކޮށްފައި އެބަ އޮތް ކަމަށެވެ. އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލަމެންޓްރީ ގްރޫޕުގެ ހިންގާ ގަވާއިދާއި، ޕާޓީގެ އެކި ގުނަވަންތަކުން އަމަލު ކުރަން ޖެހޭ ގޮތްވެސް ސާފުކޮށް ލިޔެ ބަޔާންކޮށްފައިވާ ކަމަށް ޝުއައިބު ވިދާޅުވިއެވެ.

އަދި މަޖިލިސް މެންބަރުން ތަބާވާން ޖެހޭ އުސޫލުތައް މަޖިލިސް ގަވާއިދުގައި އޮންނައިރު، ނަޝީދުގެ އަމިއްލަފުޅު މަސްލަހަތަށް އަނެއްކާވެސް ޕާޓީ ގުރުބާން ކުރުމަކީ ޣައްދާރުވުން ކަމަށް ދެކޭ ކަމަށް ޝުއައިބު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ އެމްޑީޕީ އުފެއްދުމަށް ސޮއިކޮށް އިސްލާހީ ހަރަކާތްތަކުގައި އޭރު ނަޝީދާ އެކު އެންމެ އިސްކޮށް އުޅުއްވި ޝުއައިބު ވިދާޅުވީ ހިޔާލު ތަފާތުވިޔަސް ޤައުމަށާއި ރައްޔިތުންނަށް ގެއްލުންލިބި ޕާޓީގެ ވެރިން އެކަކު އަނެއްކަކަށް ދެފުރަގަސް ޖައްސާ ހިސާބަށް މައްސަލަތައް ގެންދިއުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވެ ހާސްކަމުގެ ތެރެއަށް ވެއްޓޭނެ ކަމެއް ކަމަށެވެ. އެމްޑީޕީގެ ވެރިންގެ އިތުބާރު ރައްޔިތުންގެ ތެރޭގައި ގެއްލޭނެ ކަމަށްވެސް ޝުއައިބު ވިދާޅުވިއެވެ.

ޝުއައިބުގެ ސިޓީއަށް ޖަވާބު ދެއްވާ ހަސަން ފޮނުވި  ސިޓީއެެއްގައި ވިދާޅުވީ ޕާޓީގެ ރައީސް އެދިވަޑައިގެންފައިވާ ކަންކަމަކީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުން ކަމުގައި ނުދެކޭ ކަމަށެވެ.

ރައީސް ނަޝީދުގެ އެ ސިޓީފުޅަކީ އެމަނިކުފާނު އަމިއްލަ ހަސިއްޔަތުން ފޮނުއްވެވެވި ސިޓީއެއް ނޫން ކަމަށާއި އެ ސިޓީފުޅަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ރައީސްގެ ހިޔާލުފުޅު ހިމަނައި، ލިޔުއްވާފައިވާ ރަސްމީ ސިޓީއެއް ކަމަށް  ހަސަން ވިދާޅުވިއެވެ.

"އެހެން ކަމުން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދު ވިސްނުންފުޅު ޕާޓީގެ އާންމު މެމްބަރުންނާ ހިއްސާ ކުރެއްވުމާއި އެ ވިސްނުންފުޅާ އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެވެ" ހަސަންގެ  ފަރާތްޕުޅުން ޝުއައިބަށް ފޮނުވި ސިޓީގައިވެއެވެ.  ހަސަން  ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *