ނަޝީދަށް ފިޔަވަޅު އަޅައި ދިނުމަށް އެދިއްޖެ

ޝުއައިބު (ކ) އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަތުގައި ހިފައިގެން: ފޮޓޯ / ޝުއައިބު ޓްވީޓާ

އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތަކުރާރުކޮށް ވަޒީރުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އެމަނިކުފާނަށް ފިޔަވަޅު އަޅައި ދިނުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިއު ޝުއައިބު އަލީ އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ޗެއާ ޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ފޮނުވި ސިޓީއެއްގައި ޝުއައިބު ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގެ ފަސް ވަަނަ ބާބުގައި ވަޒީރަކު އަދާކުރަން ޖެހޭ ވާޖިބުތަކާއި ޖަވާބުދާރީ ކުރުވަން ޖެހޭ ގޮތް ބަޔާން ކޮށްފައި އެބަ އޮތް ކަމަށެވެ. އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލަމެންޓްރީ ގްރޫޕުގެ ހިންގާ ގަވާއިދާއި، ޕާޓީގެ އެކި ގުނަވަންތަކުން އަމަލު ކުރަން ޖެހޭ ގޮތްވެސް ސާފުކޮށް ލިޔެ ބަޔާންކޮށްފައިވާ ކަމަށް ޝުއައިބު ވިދާޅުވިއެވެ.

އަދި މަޖިލިސް މެންބަރުން ތަބާވާން ޖެހޭ އުސޫލުތައް މަޖިލިސް ގަވާއިދުގައި އޮންނައިރު، ނަޝީދުގެ އަމިއްލަފުޅު މަސްލަހަތަށް އަނެއްކާވެސް ޕާޓީ ގުރުބާން ކުރުމަކީ ޣައްދާރުވުން ކަމަށް ދެކޭ ކަމަށް ޝުއައިބު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ އެމްޑީޕީ އުފެއްދުމަށް ސޮއިކޮށް އިސްލާހީ ހަރަކާތްތަކުގައި އޭރު ނަޝީދާ އެކު އެންމެ އިސްކޮށް އުޅުއްވި ޝުއައިބު ވިދާޅުވީ ހިޔާލު ތަފާތުވިޔަސް ޤައުމަށާއި ރައްޔިތުންނަށް ގެއްލުންލިބި ޕާޓީގެ ވެރިން އެކަކު އަނެއްކަކަށް ދެފުރަގަސް ޖައްސާ ހިސާބަށް މައްސަލަތައް ގެންދިއުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވެ ހާސްކަމުގެ ތެރެއަށް ވެއްޓޭނެ ކަމެއް ކަމަށެވެ. އެމްޑީޕީގެ ވެރިންގެ އިތުބާރު ރައްޔިތުންގެ ތެރޭގައި ގެއްލޭނެ ކަމަށްވެސް ޝުއައިބު ވިދާޅުވިއެވެ.

އެހެންކަމުން ނަޝީދު ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަމަލުކުރެއްވުމާއި، ޕާޓީ ތަމްޞީލް ކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލެވުމުގައި އަމިއްލަ މަސްލަހަތު އިސްކުރެއްވުމާއި، ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ޤާނޫނު އަސާސީ އިން ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙު އަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުޙައްމަދު ނަޝީދު ތަކުރާރު ކުރައްވާތީ އެކަން ހުއްޓުވުމަށް ކުރެއްވެން ހުރި އެންމެހާ މަސައްކަތް ޕާޓީގެ ޗެއަރ ޕާސަންގެ ހައިސިއްޔަތުން ހަސަން ލަތީފް ކޮށްދެއްވުމަށް ޝުއައިބު ވަނީ އެދިފައެވެ.

ޝުއައިބު މިފަދައިން ވިދާޅުވެފައި މިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާމެދު ނަޝީދު ހިތްޕުޅާނުވެ ގިނަ ވާހަކަތަކެއް ދައްކަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ނަޝީދު ވަނީ ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ދަންނަވާފައެވެ. އަދި އެކަމާ ގުޅޭ ގޮތުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ރަސްމީކޮށް އަންގަވާފައިވާއިރު ނަޝީދު ވަނީ އެމަނިކުފާނު ހަސަން ލަތީފަށް ފޮނުވި ސިޓީ އާއްމު މެންބަރުންނަށް ފެންނާނެހެން އާއްމު ކުރެއްވުމަށް ދަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *