އެންމެ މަދުން އާމްދަނީ ލިބިވަޑައިގެންނެވި 6 މެންބަރުން!

އެންމެ މަދުން އާމްދަނީ ލިބުނު 6 މެންބަރުން --

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ދަށް އާމްދަނީއެއް ލިބިވަޑައިގެންފައިވާ މެންބަރުންގެ އަދަދަކީ 6 މެންބަރުން ކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުން ހާމަވެއްޖެއެވެ.

މި ހަ މެންބަރުންނަކީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްއާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެންބަރު ހުސައިން މުހައްމަދު ލަތީފާއި ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ.

މިއިން އެއްވެސް މެންބަރަކަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރެއްހާ ދުވަހު 9 ލައްކަ ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބިވަޑައިގެންފައެއް ނުވެއެވެ. މީގެތެރެއިން ބައެއް މެންބަރުންނަކީ ސިޔާސީ ހަރަކާތުގައާ އަދި ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި އެތަކެއް އަހަރުތަކެއް ވަންދެން އުޅުއްވަމުން ގެންދަވާ މެންބަރުންނެވެ.

އެންމެ ދަށް އާމްދަނީ ލިބިވަޑައިގެންނެވި މެންބަރުން ތަރުތީބުން: 

- ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް: 808،803.5 ރުފިޔާ

- ދިއްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ވަހީދު: 850،234.2 ރުފިޔާ

- ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ): 850،246.11 ރުފިޔާ

- ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެންބަރު ހުސައިން މުހައްމަދު ލަތީފް: 860،376.69 ރުފިޔާ

- ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނު: 868،073.98 ރުފިޔާ

- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް: 879،936.69 ރުފިޔާ

ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހޭނެއެވެ. އެ މާއްދާގައި ބުނެފައި ވަނީ ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތުން ދޭ މައުލޫމާތުގައި އެމީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެއެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރަން ނުޖެހޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކޮށްފައެވެ.

މަޖިލީހުގެ ގަވާއިދުގެ 68ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭ ގޮތުން، އަހަރަކު އެއްފަހަރު ތައްޔާރުކޮށް، މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) އިސްލާހުކޮށްފައި ވަނީ، މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭގޮތުން ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންޖެހޭ ގޮތަށެވެ.

Leave a Reply

Your email address will not be published. Required fields are marked *