ކޮރަޕްޝަން އަމަލުތަކުގެ ވާހަކައާ އެކު ފައްޔާޒަށް ލިބުނީ ސިހުމެއް!

މިނިސްޓަރު ފައްޔާޒު އަދި ރައީސް މުހައްމަދު ނަޝީދު: ފޮޓޯ / އަވަސް

މިހާރުގެ އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލްގެ ކޮރަޕްޝަންގެ އަމަލުތަކެއް އުޅޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ލިބިގެން ދިޔައީ "ސިހުމެއް" ކަމަށް ފައްޔާޒު ވިދާޅުވެއްޖެއެވެ.

"ހަތާވީސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރައްޔިތުން މަޖިލީހަށް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން މަސައްކަތް ކުރިއިރު ދެކެވިގެން ދިޔައީ މާލޭގެ ހައުސިންގެ ކަންކަން އެމަނިކުފާނު ހިފަހައްޓާ ވާހަކަތައް ކަމަށެވެ.

"ފަހުން ދެކެވުނޫ އަޅުގަނޑު ބްރޯ ހެދިގެން އުޅޭ ވާހަކަ، މިނިސްޓްރީތަކަށް ނުފޫޒު ފޯރުވާ ވާހަކަ. މިއަދު އަނެއްކާވެސް މިއިވިގެން ދިޔަ ވާހަކައިން [ކޮރަޕްޝަންގެ] އަޅުގަނޑު ސިހިގެން މިދިޔައީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމަނިކުފާނާއި ގުޅޭ ގޮތުން ދެކެވިފައިވާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

މިނިސްޓަރު ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ މަގާމުން ދުރަށް ވަޑައިގަތުމަށް ފައްޔާޒުގެ ކިބައިން ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށް ރައީސް ނަޝީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފައްޔާޒު މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަނީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީ އަށް ލިބިދާނެ ގެއްލުމަށް ބަލާފައި ކަމަށެވެ.

ނަޝީދުގެ ސިޓީގައި މިނިސްޓަރު ފައްޔާޒާވެސް އަދި ސަރުކާރުގެ އެހެން އެއްވެސް މިނިސްޓަރަކާއި ވެސް ޒާތީ ކަމެއް ނެތްކަން ފާހަގަކުރެއްވިއެވެ. އެމްޑީޕީއަކީ އަބަދުވެސް ސާފު ޕާޓީއެއް ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ އެކަމުގެ ހެއްކަކީ ޕާޓީ އަށް ލިބުނު ފުރަތަމަ ވެރިކަން ކުރު މުއްދަތެއްގައި ނިމިގެން ދިޔަ ނަމަވެސް ޕާޓީގެ އިސް ސަފުގައި ތިބި ފަރާތްތަކާއި ސަރުކާރުގައި ތިބި ފަރާތްތަކުގެ މެދުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި ނުވުން ކަމަށެވެ.

މިހާރުގެ އިކޮނޮމިކް މިނިސްޓަރުގެ ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެމަނިކުފާނަށް ޕާޓީން ހަވާލުވެފައި ވަނީ ސިޔާސީ މަސައްކަތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރުން ދެކޭނަމަ މިނިސްޓަރ ފައްޔާޒަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އެމަނިކުފާނު ނިކުމެ ހުންނެވީ ވޯޓު ހަމަ ކުރަން ނޫން ކަމަށްވެސް ވިދާޅުވެފައެވެ. މިއީ ރަސްމީ ސިފައެއްގައި މިނިސްޓަރު ފައްޔާޒު މަގާމުން ދުރަށް ވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެން ފުރަތަމަ ފަހަރެވެ. މީގެކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ނަޝީދު ވަނީ ފައްޔާޒު އެކަހެރިވުމަށް އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *