އެމްއެސްއެސް އިން މުދާ އުފުލާ ބޯޓެއް ހޯދަނީ

އެމްއެސްއެސް އިން މިހާރު ބޭނުން ކުރަމުން އަންނަ މުދާ އުފުލާ ބޯޓު --

މޯލްޑިވްސް ސްޓޭޓް ޝިިޕިން، (އެމްއެސްއެސް) އިން ޝިޕިން ވިޔަފާރި ފަށަން ކުއްޔަށް ގެނައި ބޯޓު ބޭނުން ކުރުމުގެ މުއްދަތު ހަމަވާތީ އެހެން ބޯޓެއް ހޯދަން އަލުން ބީލަމަށް ހުޅުވާލައިފިއެވެ.

އެސްޓީއޯގެ ޝިޕިން ކުންފުނި އެމްއެސްއެސް އިން ނެރެފައިވާ އިއުލާނެއްގައި ބުނީ އެ ބޯޓު ހޯދަނީ 6 މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 9 ޖެހުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެކުންފުނިން އެދެއެވެ. އަދި 17 ސެޕްޓެމްބަރުގެ ހަވީރު 5 ޖެހުމުގެ ކުރިން އެކަމަށް ރަޖިސްޓްރީކުރާ ފަރާތްތަކުން އެކަމަށް ބިޑް ހުށަހަޅަންޖެހޭ ކަމަށް އެމްއެސްއެސް އިން ބުނެއެވެ.

އެމްއެސްއެސްގެ ހިދުމަތް ފެށިއިރު، އެކުންފުނިން ފުރަތަމަ ފޯރުކޮށްދީފައި ވަނީ ޗާޓަރު ލައިންގެ ހިދުމަތެވެ. އެ ކުންފުނީގެ ބޯޓުން ފުރަތަމަ ރާއްޖެ ގެނެސްފައި ވަނީ ފިޔާ، އަލުވި އަދި ބިހާއި ބޭހުގެ ސާމާނެވެ. ނަމަވެސް މިހާރު އެ ކުންފުނިން ދަނީ ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނާ ކުންފުނި، މާސްކްގެ ކޮންޓެއިނާތައް ރާއްޖެ ގެނެސްދެމުންނެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ނުވަދިހަ ނުވައެއް ޕޮއިންޓު ނުވައެއް ނުވައެއް އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ސުމެއް ޕޮއިންޓު ސުމެއް އެކެއް އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

Leave a Reply

Your email address will not be published.