އިންޑިއާގެ އަސްކަރީ ބޯޓުތައް ހަނިމާދޫ އަށް ޖެއްސީ ހުއްދަ ހޯދައިގެން: އިމިގްރޭޝަން

ހަނިމާދޫ އަށް ޖެއްސި އިންޑިއާ އަސްކަރިއްޔާގެ ދެ ބޯޓު --

އިންޑިއަން އެއާފޯސް ނުވަތަ ވައިގެ ސިފައިންގެ މަތިންދާ ބޯޓެއް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ޖައްސާފައި ވަނީ އިމިގްރޭޝަން އިން ނަގަންޖެހޭ ކްލިއަރެންސް ހުއްދަ ނުނަގާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ހަބަރު މޯލްޑިވްސް އިމިގްރޭޝަން އިން ދޮގުކޮށްފިއެވެ.

އިމިގްރޭޝަން އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އިމިގްރޭޝަނުގެ ހުއްދައަކާ ނުލައި ހަނިމާދޫ އެއާޕޯޓަށް އަސްކަރީ މަތިންދާބޯޓެއް ޖެއްސި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ މައުލޫމާތުތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އިންޑިއާގެ ބޯޓަށް ހުއްދަ ދިނީ ހުށަހަޅަން ޖެހޭ ލިޔެކިއުންތައް ފުރިހަމަކޮށް، ހޯދަން ޖެހޭ ހުއްދަތައް ހޯދާފައިވާތީ ކަމަށް ވެސް ރާއްޖޭގެ އިމިގްރޭޝަނުން ބުންޏެވެ.

ހަނިމާދޫ އެއާޕޯޓަށް އިންޑިއާ އަސްކަރިއްޔާގެ ދެ ބޯޓެއް އައިސްފައިވާއިރު އޭގެތެރެއިން އެއް ބޯޓަކީ ދިވެހި ސިފައިންނާއި ގުޅިގެން ކުރިޔަށް ގެންދާ ތަމްރީނެއްގައި ބައިވެރިވާ ބޯޓެކެވެ. އެކަން ހާމަކުރީ އެމްއެންޑީއެފް އިންނެވެ. އެބޯޓާއެކު ދެން އައިސްފައިވާ ބޯޓަކީ ބެކަޕް ބޯޓެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އިންޑިއާ އަސްކަރިއްޔާގެ ދެ ބޯޓެއް އައިސްފައި މިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށާފައި ވަނިކޮށެވެ. ނަމަވެސް ދިވެހި އަސްކަރިއްޔާ އިން ވަނީ ބޭރުގެ އަސްކަރީ އެއްވެސް ބަޔަކު ރާއްޖޭގައި ނެތް ކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *