ގާސިމްގެ މިލްކިއްޔާތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް --- މިލްކިއްޔާތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އެބަހުރި: ފޮޓޯ / މަޖިލިސް

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ސަރުކާރު ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމްގެ މިލްކިއްޔާތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އެބަހުރިކަން އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.

ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހޭނެއެވެ. އެ މާއްދާގައި ބުނެފައި ވަނީ ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެއެވެ. އަދި މިގޮތުން ދޭ މައުލޫމާތުގައި އެމީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެއެވެ.

ރައްޔިތުން މަޖިލީހުގެ ވެބްސައިޓުގައި މެންބަރުންގެ މާލީ ބަޔާން މިހާރު ވަނީ އާއްމުކޮށްފައެވެ. ގާސިމްގެ އާމްދަނީގެ ގޮތުގައި 11،492،638 ރުފިރާ ލިބިވަޑައިގެންފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ މަޖިލީހުގެ މެންބަރު ކަމުގެ މުސާރައިންނާއި ވިޔަފާރިތަކުން ލިބިވަޑައިގަންނަވާ އާމްދަނީގެ ގޮތުގައި 9،564،438 ރުފިޔާ އާއި މާފަންނު ވިލާ ގުދަން އަދި ފުޅޮއި ގަރާޖް ކުއްޔަށް ދީގެން 1،740،000 ރުފިޔާގެ އިތުރުން  ގާސިމްގެ ހިއްސާ އޮންނަ އެކި ކުންފުނިތަކުގެ ފައިދާއިން ހިއްސާގެ ގޮތުގައި 188،200 ރުފިޔާއެވެ.

ގާސިމްގެ ނަން މަތީގައި 24 ކުންފުންޏެއް:

މާމިގިލި ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހީމްގެ ނަން މަތީގައި ޖުމްލަ 24 ކުންފުންޏެއް އެބައޮތް ކަމަށް މާލީ ބަޔާނުގައިވެއެވެ. އޭގެ ތެރޭގައި ވިލާ އެއާ، ޓްރާންސްޕޯޓު، ވިލާ ހަކަތަ އާއި ވިލާ ޝިޕިން، ހޮލިޑޭސް، ފަދަ ކުންފުނިތައް ހިމެނެއެވެ. ބައެއް މަޝްހޫރު ބައެއް ކުންފުނިތަކުގެ ޗެއާމަންގެ މަގާމުގައިވެސް ގާސިމް އެބަ ހުންނެވިއެވެ. ހޮރައިޒަން ފިޝަރީޒް އާއި މީޑިއާނެޓާއި އައިލެންޑް އެންޓަޕްރައިސަސްއެވެ.

ބޭންކުތަކުގެ އެކައުންޓުގައިވާ ފައިސާގެ ތަފްސީލް:

- ބީއެމްއެލް: 141،608.76 ރުފިޔާ، 609.72 ޑޮލަރު (9،395.79 ރުފިޔާ)

- ސްޓޭޓް ބޭންކް އޮފް އިންޑިއާ: 60،173.66 ރުފިޔާ، 3،828.05 ޑޮލަރު (58،990.05 ރުފިޔާ)

- އެޗްއެސްބީސީ ހޮންގްކޮންގ: 500 ޑޮލަރު (7710 ރުފިޔާ) 14،742.24 ހޮންގްކޮންގް (29،311.58 ރުފިޔާ)

ގާސިމްގެ މިލްކިއްޔާތުގައި ހަތް ބިމެއް އޮތް ކަމަށް މާލީ ބަޔާނުން ދައްކާއިރު އޭގެތެރޭގައި ހިމެނެނީ މާމިގިލި އިންޖީނުގެއާއި، މ. މާފަންނުވިލާއާއި، މ. ބުރުމާވިލާއާއި، މ. ކުނޫޒްއާއި، ވިލާ ބިންޑިންއާއި، އިންޝޮޕްއާއި، ޒެރޮކްސްއާއި، މިޑްވޭ ޓްރޭޑާސްއާއި، ވިލާ ބިލްޑިން 4 އެވެ. މި ހަތް ބިމުގެ ޖުމުލަ އަގަކަށް 94،861،111 މިލިއަން ރުފިޔާ އަރައެވެ.

އަމިއްލަފުޅު ނަމުގައި ތިން ކާރެއް އޮވެއެވެ. އެއީ ބީއެމްޑަބްލިއު ކާރަކާއި، މާސިޑީޒް ކާރަކާއި، ޕިއުގޮތް ކާރެކެވެ. މި ތިން ކާރުގެ ޖުމުލަ އަގުގެ ގޮތުގައި، މާލީ ބަޔާނުގައި ވަނީ 3،400،000 ރުފިޔާ އަށް އަރައެވެ.

ގާސިމްގެ އަމިއްލަ ނަންފުޅުގައި ތިން ލޯނެއް ނަގައި އަދާ ކުރަމުންދެއެވެ. އެއީ އެސްބީއައި އިން މާޗު 27، 2019 ގައި ނަގާފައިވާ 1،500،000 ޑޮލަރުގެ ލޯނަކާއި، ހަމަ އެސްބީއައި އިން ސެޕްޓެމްބަރު 30، 2019 ގައި ނަގާފައިވާ 1،500،000 ޑޮލަރުގެ ލޯނެއްގެ އިތުރުން އަމިއްލަފުޅު ވިލާ ޝިިޕިން ކުންފުނިން މިހާތަނަށް ނަގާފައިވާ 21،071،205.07 ޑޮލަރުގެ ލޯނެކެވެ.

މީގެ ތެރެއިން އެސްބީއައިން ނަގާފައިވާ ދެ ލޯނަށް މިހާތަނަށް 379317.8 ޑޮލަރު ދައްކާފައިވާއިރު، ނުދެއްކެވި ބާކީ 2،792،354.88 ޑޮލަރުވެއެވެ. އަމިއްލަފުޅު ވިލާ ޝިޕިން ކުންފުނިން މިހާތަނަށް ނަގަމުން އައިސް ޖުމުލަ ޖެހިފައިވާ 21 މިލިއަން ޑޮލަރުގެ ލޯނުން ފަހުން ބައެއް ދައްކާފައެއް ނުވެއެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރަން ނުޖެހޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކޮށްފައެވެ.

މަޖިލީހުގެ ގަވާއިދުގެ 68ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭ ގޮތުން، އަހަރަކު އެއްފަހަރު ތައްޔާރުކޮށް، މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) އިސްލާހުކޮށްފައި ވަނީ، މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭގޮތުން ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންޖެހޭ ގޮތަށެވެ.

Leave a Reply

Your email address will not be published. Required fields are marked *