ފުލުހަށް ހާޒިރުކޮށް 1،000 ރުފިޔާ އިން ރައީސް ވަހީދު ޖޫރިމަނާކޮށްފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު: ފޮޓޯ / ހަތާވީސް އޮންލައިން

ފުލުހުންގެ އިދާރާއަށް ހާޒިރު ކުރައްވާ ކުރީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު 1،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ އެމަނިކުފާނަށް ކުރެއްވި ޖޫރިމަނާ އަކީ ސިޔާސީ ޖޫރިމަނާއެއް ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ޖޫރިމަނާ ކުރެއްވި ނަމަވެސް ގަވާއިދާ ހިލާފުވެވަޑައިގެންފައި ނުވާނެ ކަމަށެވެ.

"މީގައި އާންމު މީހަކާ އަޅުގަނޑާ، އޮތް ތަފާތަކީ އަޅުގަނޑަކީ ސިޔާސީ މީހަކަށް ވާތީ، ސިޔާސީ ބަޔަކު އެއްވެގެން އުޅޭ ތަނެއްގައި އަޅުގަނޑު ސިޔާސީ ވާހަކައެއް ދެއްކީމަ އެ މައްސަލަ ބޮޑުވެގެން މި އުޅެނީ" ވަހީދު ވިދާޅުވިއެވެ.

މީގެކުރިންވެސް ރައީސް ވަހީދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެއްވިއެވެ. ވަހީދު ވިދާޅުވީ، ފުލުހަށް ހާޒިރު ކުރެވިފައިވަނީ އިދިކޮޅުން ބޭއްވި ސައިކަލު ބުރާއި ގުޅިގެން އެދުވަހު މާސްކު ނާޅައި ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެކަމާއި ބެހޭ ގޮތުން ސުވާލު ކުރެއްވުމަށް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު މާސްކު ނެންގެވީ ވާހަކަ ދައްކަން އުނދަގޫވާތީ، ވާހަކަ ދެއްކުމަށް އެކަނި ކަމަށް ވަހީދު ވިދާޅުވިއެވެ.

އެ ދުވަހުވެސް ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ވިދާޅު ވާހަކަ މިއަދުވެސް ވަހީދު ތަކުރާރު ކުރެއްވިއެވެ.

ވަހީދު ވިދާޅުވީ މިދޭތެރެއިން ނެރުއްވި ފޮތެއްގައި ސޮއިކުރެއްވުމަށް ބޭއްވި އިވެންޓެއްގައި މާސްކު ނާޅައި މީހުންނާ އެކީގައި ނަޝީދު އުޅުއްވި މަންޒަރު ފެނުނު ކަމަށާއި އަދި އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް އެއާޕޯޓުގައި ވެސް އެތައް ބަޔަކު ގޮވައިގެން މާސްކު ނާޅައި ނަޝީދު އިންނެވި މަންޒަރު ވެސް ފެނިވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު ފުލުހުންގެ އިދާރާއަށް ހާޒިރު ނުކުރައްވާ ރައީސް ވަހީދު ހާޒިރު ކުރެއްވުމުން އެކަމުން ދޭހަވަނީ އެންމެ ކަމެއް ކަމަށް ވަހީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *