މޭޔަރުން ފެއިލްވީ ޔާމީން ސަރުކާރުން ކަންކުރި ގޮތުން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު --

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ވާދަ ކުރެއްވި މިހާރުގެ މޭޔަރުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ހެދި ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު އެ ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން މޭޔަރުން ވެސް ފެއިލްވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލަރުންނަށް ކުރީގެ ރައީސް ޔާމީން ސަރުކާރުގައި އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުސަތު ދީފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރުގެ މޭޔަރުން ފެއިލްވީ ނޫން ކަމަށާއި އެމީހުން ފެއިލް ކުރުވީ ކަމަށެވެ.

ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށް ސިޓީތަކުގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ނުކުރެވުނު މައިގަނޑު ސަބަބަކީ ރައީސް ޔާމީންގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމް ރުޅާލުމާއި ސިޓީ ކައުންސިލްތައް "ހަލާކު" ކޮށްލުން ކަމަށެވެ.

" ވިއްސްނަވާލައްވާ އެ ހައުސިން މިނިސްޓަރީގެ މިނިސްޓަރު ނެރުއްވި 7،000 ފްލެޓްގެ ހިޔާ މަޝްރޫއު ފްލެޓް... މާލޭ ސިޓީއަށް އެބަ އެނގޭ، އޭގެން ސާފުކޮށް 5،000 އެއްހާ މީހުންނަނަކީ ޝަރުތު ފުރިހަމަ ނުވާ މީހުންކަން،"  ނަޝީދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން އެއްވެސް ޕާޓީއަކާއި ކޯލިޝަން ނުހަދާނެ ކަމަށާއި އެމްޑީޕީން އެކަނިވެސް ކައުންސިލް އިންތިހާބުގެ 60 ޕަސެންޓު ގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް 16 ވަރަކަށް ގޮނޑި ގެއްލިގެން ދާނެ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ވަރަކަށް އެ ގޮނޑިތައް ހޯދުމަށް އެއްވެސް ޕާޓީއަކާއި އެކުގައި ކޯލިޝަން ނުހަދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން 93 ރަށެއްގައި ކުރިޔަށް ދިޔައެވެ. އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން 93 ރަށެއްގައި ހުކުރު ދުވަހު ކުރިއަށް ދިޔައިރު، 160 އަށް ވުރެ ގިނަ ފޮށި ވަނީ ވޯޓްލާން ބަހައްޓައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅި 389 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވެއެވެ.  އެމްޑީޕީގެ ޕްރައިމަރީގައި 1228 ކެންޑިޑޭޓުން  ވާދަކުރިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *