މިއަދު ހަވީރު ރައީސް ވަހީދު ފުލުހަށް ހާޒިރުކުރަނީ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު: ފޮޓޯ / ހަތާވީސް އޮންލައިން

ކުރީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މިއަދު ހަވީރު އަނެއްކާވެސް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފިއެވެ.

ވަހީދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައި ވަނީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ނޭނގެއެވެ. ނަމަވެސް ވަހީދު ހާޒިރުވުމަށް އަންގާފައި ވަނީ މިއަދު ހަވީރު 16:00ގައެވެ. މިދިޔަ މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ސައިކަލު ބުރާއި ގުޅިގެން ވެސް ރައީސް ވަހީދު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. އެ ދުވަހު ވަހީދު ހާޒިރު ކުރެއްވުމުން ކޯފާ އިސް ކުރައްވާ ވާހަކަދެއްކެވިއެވެ.

ވަހީދު ވިދާޅުވީ، ފުލުހަށް ހާޒިރު ކުރެވިފައިވަނީ އިދިކޮޅުން ބޭއްވި ސައިކަލު ބުރާއި ގުޅިގެން އެދުވަހު މާސްކު ނާޅައި ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެކަމާއި ބެހޭ ގޮތުން ސުވާލު ކުރެއްވުމަށް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު މާސްކު ނެންގެވީ ވާހަކަ ދައްކަން އުނދަގޫވާތީ، ވާހަކަ ދެއްކުމަށް އެކަނި ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިދޭތެރެއިން ނެރުއްވި ފޮތެއްގައި ސޮއިކުރެއްވުމަށް ބޭއްވި އިވެންޓެއްގައި މާސްކު ނާޅައި މީހުންނާ އެކީގައި ނަޝީދު އުޅުއްވި މަންޒަރު ފެނުނު ކަމަށާއި އަދި އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް އެއާޕޯޓުގައި ވެސް އެތައް ބަޔަކު ގޮވައިގެން މާސްކު ނާޅައި ނަޝީދު އިންނެވި މަންޒަރު ވެސް ފެނިވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު ފުލުހުންގެ އިދާރާއަށް ހާޒިރު ނުކުރައްވާ ރައީސް ވަހީދު ހާޒިރު ކުރެއްވުމުން އެކަމުން ދޭހަވަނީ އެންމެ ކަމެއް ކަމަށް ވަހީދު ވިދާޅުވިއެވެ.

"އެއީ އަޅުގަނޑު ސަރުކާރާއި އިދިކޮޅުގައި ހުރީމައޭ. އެހެން ނޫނިއްޔާ އަޅުގަނޑެއް ނުގެންދާނެ" ވަހީދު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *