60 ޕަސެންޓު ގޮނޑި ނަގާނަން، ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް: ނަޝީދު

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން އެއްވެސް ޕާޓީއަކާއި ކޯލިޝަން ނުހަދާނެ ކަމަށާއި އެމްޑީޕީން އެކަނިވެސް ކައުންސިލް އިންތިހާބުގެ 60 ޕަސެންޓު ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީއާ ގުޅޭ ގޮތުން އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް 16 ވަރަކަށް ގޮނޑި ގެއްލިގެން ދާނެ ކަމަށެވެ. އެހެންނަމަވެސް އެއްވެސް ވަރަކަށް އެ ގޮނޑިތައް ހޯދުމަށް އެއްވެސް ޕާޓީއަކާއި އެކުގައި ކޯލިޝަން ނުހަދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޕީޕީއެމް އިން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމުގެ ގާބިލުކަން ހުރި ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް މި އިންތިހާބުގައި ބައިވެރިވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، މިފަހަރު އިންތިހާބުގައި އެޕާޓީން ނެރޭ މެނިފެސްޓޯ ތައްޔާރުކުރުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށާއި އެ މެނިފެސްޓޯ އެހެން އިންތިހާބުތަކުގައި ނެރޭ މެނިފެސްޓޯއަށް ވުރެ ތަފާތު ވާނެ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މޮޅުވި ކެންޑިޑޭޓަށް ލިބުނު އަދަދަށްވުރެ ގިނައިން އެމްޑީޕީގެ ޕްރައިމަރީގައި މޮޅުވި ކެންޑިޑޭޓަށް ލިބުނު ވޯޓުގެ އަދަދު ގިނަ ކަމަށެވެ.

އިއްޔެ އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ސިޓީ ކައުންސިލްތަކުގެ މޭޔަރު ކަމުގެ މަގާމުގައި މިހާރު ތިއްބެވި މޭޔަރުން ބައިވެރިވެވަޑައިގެން ވަނީ އިންތިހާބުން ނާކާމިޔާބުވެފައެވެ. ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ބަލިވި އެއްވެސް މީހަކު "ބާކީ" ނުކުރާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ ޕްރައިމަރީން ސިޓީ ކައުންސިލްތަކުގެ މޭޔަރުގެ ޓިކެޓު ކަށަވަރު ކުރެއްވި ބޭފުޅުންނާއި ބައްދަލުވި ކަމަށާއި އެބޭފުޅުން ބޭނުން ވަނީ މިހާރުގެ މޭޔަރުންގެ ތަޖުރިބާއާ އެކުގައި އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން 93 ރަށެއްގައި ކުރިޔަށް ދިޔައެވެ. އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން 93 ރަށެއްގައި ހުކުރު ދުވަހު ކުރިއަށް ދިޔައިރު، 160 އަށް ވުރެ ގިނަ ފޮށި ވަނީ ވޯޓްލާން ބަހައްޓައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅި 389 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވެއެވެ.  އެމްޑީޕީގެ ޕްރައިމަރީގައި 1228 ކެންޑިޑޭޓުން  ވާދަކުރިއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.