"ފުރައްސާރަ އާއި ހުރެ މަސައްކަތް ހުއްޓާލަން ވެސް ހިތަށް އެރި"

ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފެއް --

"އާއްމުކޮށް އެ ބޭފުޅުން ބޭނުންވާ ކަންތައްތައް ޑިލޭވެގެން ދާތީ ނުވަތަ އެ ބޭފުޅުންނަށް އުނދަނގޫވާ ކަންތައްތަކެއް ހުންނާތީ ކޯލް ސެންޓަރއަށް ގުޅާފަ އެ ނަގާ ކުއްޖަކާ ދިމާލަށް، އަޅުގަނޑާ ދިމާލަށްވެސް ވަރަށް ހުތުރު ބަހުން ވާހަކަދައްކާފައި ހުންނާނެ. މައިންބަފައިންނާއި ބެހި ދެން ސެކްޝުއަލް ހެރެސްމެންޓް، އެކަހަލަ ގޮތަށް ވެސް ވާހަކަދައްކާ"

މިއީ ރާއްޖޭގައި ކޮވިޑް-19 އާއި ގުޅުން ހުރި މައުލޫމާތު ސާފުކުރުމަށް ފަސޭހަ ކުރުމުގެ ގޮތުން މާރޗް މަހު އެކުލަވާލި ކޮވިޑް ހޮޓްލައިން "1676"ގެ މަސައްކަތް ފެށުނީއްސުރެ، އެ ކޯލް ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަ ފާތްމަތު އާދަމް އާއި އެތަނުގައި މަސއްކަތް ކުރާ އެހެން ކުދިންނަށް ކޮންމެ ދުވަހަކު، އެތަނަށް ގުޅާ ބައެއް އާއްމުންގެ ފަރާތުން ދިމާވާ ފުރައްސާރައިގެ ވާހަކައެވެ.

ދުވާލެއްގެ މައްޗަށް 2000 އަކަށް ފޯނުކޯލް މިހާރުވެސް ކޮވިޑް ކޯލްސެންޓަރަށް އަންނަ އިރު، އޭގެ ތެރެއިން ގިނަ ކޯލްތަކަކީ ކަންކަމާއި ހިތްހަމަނުޖެހިގެން ކުރާ ކޯލްތަކެވެ. އާއްމު މީހުންނާއި ގުޅުން ހުރި ކަންކަން ނުވުމުން، ނޫނީ ލަސްވުމުން އެކަމުގެ ޝަކުވާ ކުރަން ގުޅާ އާއްމު މީހާގެ އުދާސްތައް ބަންޑުންކޮށްލާއިރު، ހިތާމަޔަކީ ފޯނުކޯލުގެ އަނެއްކޮޅުގައި ހުރީ އިންސާނެއްކަން ހަނދާން ނެތޭ ދަރަޖަ އަށް މީހުން އަމަލުތައް ގޮސްފައިވާ ކަމެވެ. އެއްވެސް ކުލުނެއް ރަހުމެއް ނެތި، އެތަނުގައި މަސައްކަތް ކުރާ މީހުންނަށް ބަދުބަސްތައް ބުނާ މީހުން މަދުން ނަމަވެސް ތިބިކަމެވެ.

ކޯލް ސެންޓަރުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކުވެސް އެތަނުގައި މަސައްކަތް ކުރާ މީހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެއްވެސް އަދަބެއް އިޚުތިރާމެއް ނެތި މުއާމަލާތު ކުރާ އެތައް ބަޔަކާއި ކުރިމަތިލާން ޖެހުންކަން ފާތުންގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެވެ.

ޚާއްސަކޮށް އަންހެން ކުދިންނަށް، ބޭއަދަބީ އަދި ބަދުއަޚުލާގީ ބަސްތައް ރައްދުކުރުން އޮންނަނީ ގުޅާ މީހުންގެ އާދައަކަށް ވެފައެވެ.

"އާއްމު ރައްޔިތުންގެ އިހުސާސްތައް ބަންޑުންކޮށްލަން ގުޅާ ތަނަކަށް އޮންނަނީ ވެފަ. ވަރަށް ރުޅިއައިސްގެން ގުޅާ މީހުން ގިނައީ، ކަންކަން ނުވެގެން ނޫނީ ޑިލޭވެގެންދާތީވެ، ގުޅާލާފަ ވަރަށް އެއްޗެހި ކިޔާލާނެ. ކޮންމެ ގޮތެއްވިޔަސް އެޖެންޓެއް ވިއްޔާ ނަންވެސް ބުނަން ޖެހޭ. " ފާތުން ބުންޏެވެ.

ގޭގައި ތިބެގެން ކޯލް ސެންޓަރަށް ގުޅާއިރު، އެ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ ކުދިންގެ ކޮނޑުގައި އުފުލަނީ ކިހާ ބުރަ ޒިންމާއެއްކަން ތަސައްވުރު ނުކުރެވިދާނެއެވެ. އެހެންނަމަވެސް ހަގީގަތުއި، އެތަނުގައި މަސައްކަތް ކުރާ ކޮންމެ މީހަކުވެސް ލޯބިވާ އާއިލާ އާއި، ރަހުމަތްތެރިންނާއި ދުރުގައި އެތައް ވަގުތެއް ހޭދަކުރަނީ، އާއްމުންގެ ހައްގުގައިކަން ޔަޤީނެވެ.

ފާތުންގެ ވާހަކައަށް ބަލާނަމަ، އޭނާ ކޮވިޑް ކޯލްސެންޓަރުގައި މަސައްކަތް ކުރަން އަންނަނީ އޭނާގެ 1 އަހަރުގެ ތުއްތު ދަރިފުޅު، އޭނާގެ ފިރިމީހާގެ ގާތުގައި ބަހައްޓާފައެވެ. ކުޑަކުޑަ ދަރިފުޅު މައިމީހާ އާއި ދުރުގައި ބަހައްޓާފައި، ގިނަ ވަގުތު ގެއިން ބޭރުގައި ހުރުމަކީ، މަންމައެއްގެ ހިތަށް ކިހާ ބޮޑު ވޭނެއްތޯއެވެ؟ ކިހާބޮޑު ތަކުލީފެއްތޯއެވެ؟

ކަންދިމާކުރި ގޮތުން ކޮވިޑް ކޯލް ސެންޓަރުގެ މަސައްކަތް ފުރަތަމަ ފެށި އިރު، އެތަނުގެ މަސައްކަތުގައި ރެއާއި ދުވާލު އެތައް ވަގުތެއް ހޭދަކުރަން ޖެހުނެވެ. ނަތީޖާ އަކަށްވީ ފާތުންއަށް، ލޯބިވާ ތުއްތު ދަރިފުޅާއި ދުރުވުމުގެ ހިތްދަތި އިހުސާސްތައް ފާތުން އަށް ތަޖުރިބާ ކުރަން ޖެހުމެވެ. އެވާހަކަތައް ފާތުން މީޑިއާ އާއި ހިއްސާ ކުރީ އަސަރާއި އެކުގައެވެ.

ތުއްތު ދަރިފުޅާއި ދުރުގައި ބަރު ހިތަކާއި އެކު މަސައްކަތް ކުރަން ޖެހުނު ފާތުން ގެއަށް ދިޔުމުން އެންމެ ފަހަރަކު ވެސް އޭނާގެ ދަރިފުޅުގެ ދުލުން "މަންމާ"އޭ ބުނެލާ އަޑު ނީވޭ ވަރަށް، އޭނާގެ ދަރިފުޅު އޭނާ އަށް ބީރައްޓެހިވިއެވެ. މައެއްގެ ލަނގޮޑިއަށް އެކަމުން ކުރާނެ އަސަރު ހިތަށް ގެންނާނީ ކިހިނެތްތޯއެވެ؟

" މަންމަވެސް ނުކިޔާ، ގޮސް ގެއަށް ވަންނަ އިރަށް ގޮވާލާނެ ބައްޕީއޭ ކިޔާފަ. އަބަދު ބައްޕި ފެންނާތީވެ. އެއީ އެއްވެސް ފެމިލީއަކާއި އެއްކޮށްނެއް ނޫން އުޅެނީ. ހަމަ ދެމީހުން ވަކީން އުޅެނީ. އެކަމާއި ވެސް ކުޑަކޮށް އުނދަނގޫ ވެފައި ހުރީ. ބަޓް އޯކޭ ދޯ މިހާރު. " ފާތުން ކިޔާދިނެވެ.

މިއީ ކޯލްސެންޓަރުގައި މަސައްކަތް ކުރާ އެންމެ އަންހެން ކުއްޖެއްގެ ޤުރުބާނީގެ ވާހަކައެވެ. ދެލޯފަދަ ލޯބިވާ އަނބިދަރިންނާއި، ފިރިންނާއި، ރަހުމަތްތެރިން ލޮލަށް ފެންނާނެ ވަގުތު ނުވެ، ރޭގަނޑެއް ދުވާލެއް ބެލުމަކާއި ނުލާ މިތަނުގައި މަސައްކަތް ކުރާ ކުދިންގެ އޮތީ އެންމެ އަޒުމެކެވެ.

އެއީ ސައްހަކަމާއި އެކު ކޮވިޑް-19 އާއި ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދިނުމާއި، ސައްހަ މައުލޫމާތު އެއްކޮށް ކަމާއި ގުޅޭ އިދާރާތަކަށް، ހަލުވިކަމާއި އެކު ފޯރުކޮށްދިނުމެވެ. ކޯލް ސެންޓަރުގެ މަސައްކަތްތަކުގެ ތެރޭގައި، ވަގުތުން ވަގުތަށް ފުރިހަމަ ކުރަން ޖެހޭ އެތައް މަރުހަލާތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ކުރަން ޖެހުމަކީ ކޯލް ސެންޓަރުގެ މަސައްކަތް އެހާ ބުރަވާ އެއް ސަބަބެވެ. އެހެންކަމުން، ހިންދެމިލާނެ ވަގުތުކޮޅެއްވެސް ނުލިބި އެ މަސައްތުގައ ޝާމިލްވާ މީހުންނަށް، އެންމެ ކުޑަ މިނުން އިހުތިރާމާއި އެކު މުއާމަލާތު ކުރުމަކީ އާއްމުންގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ބުރަ ކަމަކަށް ވެގެން ނުވާނެ އެވެ.

ކޯލްސެންޓަރުގައި ކުރެވުނު ބައެއް ހިތި ތަޖުރިބާތަކަށް ފަހު، އެކުގައި މަސައްކަތް ކުރާ އެންމެންގެ ފަރާތުން ފަރާތުން ފާތުން އެދޭ އެދުމަކީ، ރިވެތި ބަހުން އެ މީހުންނާއި މުއާމަލާތު ކުރުމެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން، ކޯލް ސެންޓަރގައި ގިނަ ދުވަހު މަސައްކަތް ކުރަން މީހުން ބޭނުން ނުވާކަން ވެސް ފާތުން ފާހަގަކުރިއެވެ.

"އަޅުގަނޑުމެންނަށް ވެސް އެނގޭ ވަރަށް ދަތީގައިކަން ކޮންމެ ބޭފުޅަކުވެސް ތިބީ. އެކަމަކުވެސް އެގޮތަށް، ކޯލް ސެންތަރުގައި ހަޑި ހުތުރު ބަހުން މިތާ ތިބޭ ކުދިންނާއި ވާހަކަ ނުދައްކާށޭ.އެއީ ވަރަށް ބޮޑަށް އެދޭ ކަމެއް" ފާތުން ބުންޏެވެ.

މިތަނުގައި މަސައްކަތް ކުރާ މީހުންނަށް ދިމާވެފައި ހުރި ކަންކަމުގެ ވާހަކަތައް އަޑު އަހާލުމުން، އެއީ ހަގީގަތުގައި ވެސް ހިނގާފައިވާ ކަންތައްކަން ޤަބޫކުރަން ބޭނުން ނުވާ ވަރުގެ ދަށު ދަރަޖައިގެ އަމަލުތައް މެދުވެރިވެފައި އެބަހުއްޓެވެ. އިންސާނަކު އަނެއް އިންސާނަކަށް ބުނަން ހެޔޮނުވާ ވަރުގެ، ރަހުމު ކުޑަ، ލާއިންސާނީ ވާހަކަތައް މި މުވައްޒަފުންނާއި ދިމާއަށް ބުނެފައިވާ ކަމީ ލަދުވެތިކަމެކެވެ.

ކޯލް ސެންޓަރ ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި، އަބްދުﷲ އަޒްމީންގެ ވާހަކައިން ފާހަގަވީ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ ކުދންނަށް ކަސްޓަމަރުންގެ ފަރާތުން ދިމާވާ ރުޅިވެރިކަމަކީ، އެ ކުދިންނަށް ދިމާވާ ނެއެއްގާނީ ކަންކަމުގެ ވަރަށް ކުޑަ މިންވަރެއްކަމެވެ.

އެގޮތުން، ބައެއް މީހުން މަގުތަމަތިން ހޯދާނެ ކަމުގެ އިންޒާރު ދިނުމުން މުވައްޒަފުންނަށް ވަނީ ނަފްސާނީ ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައެވެ. ކޯލް ސެންޓަރުގެ އެޖެންޓުންނާއި އާއިލާ މީހުންނަށް ހިތްދަތި މަރެއް ލެއްވުމަށް އެދި ބަދު ދުއާ ކުރުން ފަދަ ރަހުމު ނެތް އެތައް ކަމެއް މިހާތަނަށް އައި އިރު ހިނގާފައި އެބަހުއްޓެވެ.

ނުވިތާކަށް، ކޯލް ސެންޓަރަށް ގުޅާ މީހުން އެތަނުގައި މަސައްކަތް ކުރާ އަންހެން ކުދިންގެ ކިބައިން ޖިންސީ އަމަލުތައް ހިންގަން އެދޭކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ހަޑި ހުތުރުބަހުން، ބަދު ދުއާކުރުން ފަދަ ކަންކަން އެބަ ކުރައްވާ. އަޅުގަނޑުވެސް ހަމަ ބައެއް ފަހަރު އެޖެންޓުން ހަމަ ވަރަށް ދެރަވެގެން ރޯންވެސް ރޮއެ އަޅުގަނޑުމެން ކައިރީގައި، އެކަން ނުކުރުމަށް އިރުޝާދު ދެން. އަޅުގަޑުމެންވެސް މިތާގައި މިތިބެނީ ހުރިހާ ކޯލްތަކަށް އެޓެންޑްވާން" އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން، ކޯލް ސެންޓަރުގައި ސުޕަރވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބިޝާރާ އަހުމަދު ވިދާޅުވީ، އާއްމުންގެ ފަރާތުންގެ ދިމާވާ އެފަދަ ކަންކަން މަދު ކުރުމަށް، ހަޑިހުތުރުބަހުން މުއާމަލާތުކުރުން ފަދަ ނޭދެވޭ ކަންކަން ތަކުރާރުކޮށް ދިމާވާ ނަމަ، އަދި ރިވެތި ބަހުން މުއާމަލާތުކުކުރަން އެދުމުން ވެސް ގުޅާ މީހުން އެގޮތަށް ވާހަކަދައްކާ ނަމަ، ކޯލް ކުރިއަށް ނުގެންދިއުމުގެ އިޙުތިޔާރު މިހާރު ކޯލް ސެންޓަރުގައި މަސައްކަތް ކުރާ އެޖެންޓުންނަށް ދީފައިވާ ކަމަށެވެ.

އަދި އެފަދަ ކޯލް އަކަށް ޖަވާބު ދިނުމަށް ފަހު، އެޖެންޓަށް ނަފްސާނީ ގޮތުން ކުރާ އަސަރު ކުޑަ ކުރުމަށް އެ އެޖެންޓުނަށް ބްރޭކްއެއްވެސް ދޭކަމަށާ، އެޖެންޓުންނަށް ބޭނުންވާ ސަޕޯޓް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާދީފައިވާ ކަން ބިޝާރާ ވަނީ ފާހަގަކުރައްވާފައެވެ.

" މިހާރު އާއްމުކޮށް ޖަވާބުދޭން އުނދަނގޫ ގުޅާ ފަރާތުން ވާހަކަތައްކާ ގޮތުން މެންޓަލީ ޑިސްޓަރބް ވާކަހަލަ ލެވެލް އަށް ދާ ކޯލްސް، ނޯމަލީ ހަމައަންނާނެ ޝިފެޓެއްގައި މިސާލަކަށް 5 އޯ 6 ވަރަކަށް ކޯލްސް ވެސް އެ ހޭންޑަލްކުރަން ޖެހިދާނެ. ދެން ބައެއް ފަރާތްތަކަކީ ކިތަންމެ ވަރަކަށް އަންޑަސްޓޭންޑްކޮށްދޭން ކިޔާދިން ކަމުގައި ވިޔަސް، އަޑު އަހަން ބޭނުން ނުވާ ފަރާތްތައް." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ފަހަރު އާއްމުން ވާހަކަދައްކާ ގޮތުން، ކޯލްތައްކުރިއަށް ނުގެންދެވިގެން ފޯނުކޯލް ކަނޑާލަން ޖެހޭ ހިސާބަށް ކަންކަން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އާއްމުން ބޭނުންވާ ކަންކަން، ވީހާވެސް އަވަހަކަށް ކޮށްދޭން އަބަދުވެސް މަސައްކަތް ކުރާ ކަމަށާ، އާއްމުން ބޭނުންވާ މައުލޫމާތު ސާފުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވަގުތުން ޖަވާބުދެން ނެތް ކަންކަން އޮޅުން ފިލުވުމަށް ފަހު އާއްމުންނަށް އަނބުރާ ގުޅާކަން ބިޝާރާ ވަނީ ފާހަގަކުރައްވާފައެވެ.

އާއްމުންގެ ފަރާތުން ދިމާވާ މިފަދަ ކަންކަން ހުއްޓާލެވޭނީ ކޯލް ސެންޓަރުގައި ތިބި މުވައްޒަފުންނާއި ހަޑި ހުތުރުބަހުން މުއާމަލާތު ކުރުމަކީ، ތިމާއަށް ދިމާވާ އުނދަނގޫކަމެއް ހައްލު ކުރަން އޮތް މަގެއް ނޫންކަން ޤަބޫލުކޮށްގެންނެވެ. އަދި ކޯލް ސެންޓަރުގެ މަސައްކަތަކީ ކޮވިޑް-19 އާއި ގުޅުން ހުރި ކަންކަން ވިލަރެސްކުރުމުގައި މައި އެއްތަނބުކަން ޤަބޫލުކޮށް، އެ މަސައްކަތް އަޅުގަނޑުމެން ކޮންމެ ދިވެއްސަކުވެސް ޝުކުރާއި އެކު ބަލައިގަންނަން ޖެހެއެވެ.

Leave a Reply

Your email address will not be published. Required fields are marked *