ފިތުނަ ފަސާދަ އުފައްދާ މީޑިއާތައް އަޑު ނޭހުމަށް ނަޝީދު އެދިވަޑައިގެންފި

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ފިތުނަ ފަސާދަ އުފައްދާ މީޑިއާތައް އަޑު ނޭހުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް މީޑިއާއެއް އުވާލުކަި އެދެވޭ ގޮތެއް ނޫން ކަމަށެވެ. ނަމަވެސް އެއްވެސް މީޑިއާ އަކުން ރުޅިވެރިކަމާއި ހަސަދައާ ނަފްރަތާއި ފިތުނަ ފަސާދަ އުފެއްދުމަކީ އެއްވެސް މީހަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިލްތިމާސް އަކީ އެ ފަދަ މީޑިއާތައް އަޑު ނޭއްސެވުން، ގަބޫލު ނުކުރުން،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ދެއްކި ވާހަކައެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭކަމަށް ބުނެ ދެއްކި ވާހަކައެއްގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

"ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމެއްގައި އެހުންތެރިޔަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭ ކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ މައްސަލާގައި ޗެނަލް13 ބަންދު ކުރުމަށާއި އަދި އެ ވާހަކަ އެގޮތަށް ދެއްކި މީހާގެ މައްސަލަ ބެލުމަށް ގޮވާލާފައެވެ.

އެމީހާ ދެއްކި ވާހަކަ ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. ގިނަބަޔަކު ވަނީ އެމީހާގެ އެ ވާހަކައަކީ ޓެރަރިޒަމް އަށް ހިތްވަރު ދިނުމުގެ އަމަލެއް ކަމަށް ބުނެފައެވެ.

"ވެރިިކަން ވަރަށް އަވަހަށް ނައްތާލަން ޖެހޭ، މިހާރުން މިހާރުން [ރައީސް] އިބްރާޙިމް މުހައްމަދު ސޯލިހް ގައިގާ އަލިފާން ޖަހަން ޖެހޭ" ޕްރޮގްރާމުގައި ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *