މަލީހު ވަޅުދިޔަ ހިއްކުމުގައި، ވިދާޅުވީ މަސައްކަތް ކާމިޔާބުވާނެ ކަމަށް!

އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ވަޅުދިޔަ ހިއްކުމުގައި --

ވަޅެއް ހިއްކުމުގެ މަސައްކަތުގައި އުޅުއްވާތަން ފެންނަ ވީޑިއޯއެއް އާއްމު ކުރައްވާ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވަނީ ގަދަ އަޅާ މަސައްކަތް ކުރާ މީހަކަށް ކާމިޔާބު ވާނެ ކަމަށެވެ.

"ހަތާވީސް" އިން މިއަދު ގުޅާލުމުން މަލީހު ވިދާޅުވީ އެ ވީޑިއޯ އަކީ މީގެ ހަތަރު ވަރަކަށް މަސް ދުވަސް ކުރިން އެމަނިކުފާނުގެ އުފަން ރަށް، ފުމައްލަކު ސިޓީއަށް ވަޑައިގެން އެމަނިކުފާނުގެ ގޭގައި ހުރި ވަޅެއް ހިއްކަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ކަމަށެވެ.

"އެއީ އެއް ނޫންތޯ އަޅުގަނޑުމެން އަސްލު ދިރިއުޅުމަކީ ދެއްތޯ،" މަލީހް ވިދާޅުވިއެވެ.

އެ ވީޑިއޯ އާއްމު ކުރައްވާ މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަޑި އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށެވެ. އަމިއްލަ އަށް ކުރެވެން ހުރި ކަންކަން އަމިއްލަ އަށް ކުރުމަކީ ކާބަފައިން ދަސްކޮށްދިން ރީތި އަދަބެއް ކަމަށް މަލީހު ވިދާޅުވިއެވެ.

"ވަކި ހިސާބަކަށް އަދި ވަކި ނަސަބަކަށް ވީތީ މޮޅު ކަމެއް ލިބިގެން ނުވޭ. ގަދަ އަޅާ މަސައްކަތް ކުރާ މީހާ އަށް ކާމިޔާބުވާ ޒަމާނެއް،" މަލީހު ވިދާޅުވިއެވެ.

މިނިސްޓަރު މަލީހަކީ މިފަދަ ކަންކަން ސޯޝަލް މީޑިއާގައި ވަރަށް ހިއްސާ ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނަކީ ދަނޑުވެރިކަން ކުރުމަށްވެސް ވަރަށް ޝައުގު ހުންނަވާ ބޭފުޅެކެވެ. މީގެކުރިން އެމަނިކުފާނު ވަނީ މާލޭގައި ދިރިއުޅުއްވާ ގޭގެ ޓެރަހުގައި އެމަނިކުފާނު ހައްދާ ބައެއް ތަކެތީގެ ފޮޓޯތައް ވެސް ހިއްސާ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *