ރައްޔިތުން ގުނބޯ ހައްދައިގެން ސަރުކާރާ ތޮޅެއް ނޫޅޭތި: ޖޭޕީ

ޖުމްހޫރީ ޕާޓީ އިން މީގެކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / ވީނިއުސް

ކޮވިޑް19 ގެ ނުރައްކާތެރި މި ހާލަތުގައި ރައްޔިތުން ގުނބޯ ހައްދައިގެން ސަރުކާރާ ތޮޅެން ނޫޅުމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ގޮވާލައްވައިފިއެވެ.

ސައުދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީ ސާބިތުކަމާ އެކީގައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކުގައި ކަމަށެވެ. ކޮވިޑް19 ގެ މި ހާލަތުގައި ރައްޔިތުން ގުނބޯ ހައްދައިގެން ސަރުކާރާ ތޮޅެން ނޫޅުމަށް ސައުދު ގޮވާލެއްވިއެވެ. އަދި ވިދާޅުވީ ގައުމު ދެކެ ލޯބިވާ އެއްވެސް ބަޔަކު މި ހާލަތުގައި ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ގައުމު ހަލަބޮލި ކުރަން ނޫޅޭނެ ކަމަށެވެ.

ސައުދު މިފަދައިން ވިދާޅުވިއިރު މިދިޔަ ހުކުރު ދުވަހު ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ މުޒާހަރާކޮށްފައެވެ.

އެގޮތުން އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ސަރުކާރުން ކޮވިޑާއި ގުޅިގެން އެކި ނަންނަމުގައި ބޭރު ގައުމުތަކުން އެހީތަކާއި ލޯނުތައް ނަގަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެކަމުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *