ގޭގައި ތިބެ ކުރާ މަސައްކަތް ރަޖިސްޓްރީ ކުރުން ލާޒިމެއް ނޫން: މިނިސްޓްރީ

ރަޖިސްޓްރާ އޮފް ކޮމްޕެނީސް ވިސާމް --

އަމިއްލަ ގޭގައި ތިބެގެން ކުރާ މަސައްކަތްތަކަކީ ރަޖިސްޓްރީ ކޮށްގެން ކުރުން ލާޒިމް މަސައްކަތްތަކެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިފަދައިން ބުނެފައި މިވަނީ މީގެފަހުން ރަޖިސްޓްރީނުކޮށް އޮންލައިން ވިޔަފާރި ނުކުރެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައި ވާތީ އެކަމާއި ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

މިއަދު އެކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަކި ފަރުދުން އާމްދަނީ ހޯދުމަށް ކުރާ ބައެއް ކަންކަމަކީ، އިސްތިސްނާވެގެންވާ ވިޔަފާރި ކަމަށް ބަޔާންކޮށްފައިވާ ކަމަށް ބުންޏެވެ.

އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން، އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ނުޖެހޭ ފަދަ މަސައްކަތްތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ބެލެވޭނީ، އެ މަސައްކަތަކީ، ވަޒީފާގައި ބަޔަކު ގެންގުޅުމަކާ ނުލާ، ތިމާ އަމިއްލައަށް ކުރާ މަސައްކަތްތަކެވެ.

ރަޖިސްޓްރީ ކުރުން ލާޒިމް ވިޔަފާރިތަކަކީ އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ހިންގާ ނުވަތަ ކުރާ މުދާ ގަނެވިއްކުމުގެ މަސައްކަތް، ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ އުފެއްދުންތެރިކަމުގެ މަސައްކަތް، ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ފޯރުކޮށްދޭ ފަންނީ ހިދުމަތް، ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ ހިދުމަތް ދިނުމުގެ މަސައްކަތް، މާލީ ފައިދާއެއް ހޯދުމުގެ ބޭނުގައި ނުއުފުލޭ މުދަލާ ގުޅޭގޮތުން ހައްގުތައް ދިނުން އަދި މާލީ ފައިދާއެއް ހޯދުމުގައި ހިންގާ އެނޫންވެސް ހަރަކާތްތަކެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ނުރައްކާތެރި ކޮވިޑް19 ގެ ސަބަބުން އެތައް ބައެއްގެ އާމްދަނީއަށް އެތަކެއް އަސަރުތަކެއް ކޮށްފައިވާ މި ދަނޑިވަޅު އަމިއްލަ ގޭގައި ތިބެގެން ވިޔަފާރިކުރަމުން ގެންދާތީ އެފަދަ ފަރާތްތަކަށް މަރުހަބާ ކިޔާފައެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން، ރާއްޖޭގެ އާބާދީގެ ގިނަ ބައެއްގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނާތީ، ގޭގައި ތިބެގެން މަސައްކަތްކޮށް، އާމްދަނީ ހޯދަމުންދާ ކަމަށާއި އެ ފަރާތްތަކަށް މަރުހަބާ ކިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *